ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ޕީއެންސީގެ އަޝްރަފަށް މޮސްޓާގެ ތާއީދުކުރައްވައިފި

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު އަޝްރަފަށް ތާއީދުކުރައްވައިފި އެވެ.

ހިނގަމުން މިދާ 19 ވަނަ މަޖިލީހަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވި ނޮޅިވަރަމް ދާއިރާގެ މެންބަރު ނަޝީދަކީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައިވެސް ނޮޅިވަރަމް ދާއިރާއަށް ވާދަކުރައްވަމުން ގެންދެވި ކެންޑިޑޭޓެކެވެ.

ނަޝީދުގެ ހިޔާލު ބަދަލުވެ ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމެވި ނިންމެވުމާ ގުޅިގެން ނަޝީދުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޕީއެންސީ އިން މަޖިލިސް އިންތިހާބަށް ހދ. އަތޮޅަށް ކަނޑައަޅާފައިވާ ކެމްޕޭން ލީޑަރު އަދި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ ރައީސް މުއިއްޒު ގެންގުޅުއްވާ ތަރައްގީއާއި ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ސިޔާސަތު ނަޝީދު ބަލައިގެންފައިވާ ކަމަށެވެ.

ޝަކީލް ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތުތައް ބަލައިގަނެ ޕީއެންސީގެ ޓިކެޓްގައި ނޮޅިވަރަމް ދާއިރާއަށް ވާދަކުރައްވަމުން ގެންދަވާ އަޝްރަފަށް ތާއީދުކުރައްވައި އޭނާގެ ކެމްޕޭން ޓީމާ ނަޝީދު ގުޅިވަޑައިގެންފައިވާ ކަމަށެވެ.

ޑިމޮކްރެޓްސްގެ ޓިކެޓްގައި ވާދަކުރައްވާ ދެ ކެންޑިޑޭޓަކު ވެސް މީގެކުރިން ވަނީ ރައީސް މުއިއްޒު ތާއީދުކުރައްވާ ދެ ކެންޑިޑޭޓެއްގެ ކެމްޕޭން ޓީމާ ގުޅިވަޑައިގެންފަ އެވެ.