ފަލަސްތީން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދައިނުދެވި އދ.ގެ ސަލާމަތީ މަޖިލިސް އަނެއްކާވެސް ފެއިލްވެއްޖެ ކަމަށް ބުނެ އދ. ގައި ބައެއް ގައުމުތަކަށް އޮންނަ ވީޓޯ ކުރުމުގެ ބާރަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
އދގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ފަލަސްތީން ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގާ އިންސާނިއްޔަތާ ހިލާފު ޖަރީމާތައް އެއީ ނުފެންނަ މަންޒަރަކަށް ހަދައިގެން އަބަދު ނުތިބެވޭނެ ކަމަށެވެ.
ހައިދަރު ވިދާޅުވި ގޮތުގައި ފަލަސްތީން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދިނުމަށް އދގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ އދގެ ސަލާމަތީ މަޖިލީހުގައި ބައެއް ގައުމުތަކަށް ވީޓޯ ކުރުމަށް އޮންނާ ބާރެވެ.
އދގައި ވަކި ގައުމުތަކަކަށް ވީޓޯ ކުރުމުގެ ބާރު ދީފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ހައިދަރު ވިދާޅުވީ ފަލަސްތީން ރައްޔިތުންގެ ހައްގުގައި އދގެ 140 މެންބަރު ގައުމާއި ސަލާމަތީ މަޖިލީހުގައި ހިމެނޭ ގައުމުތަކާއި އަދި ދުނިޔޭގެ އެތައް ގައުމެއްގެ މަގުތަކުގައި އެތައް މިލިއަން ބަޔަކު ކުރަމުންދާ މަސައްކަތްތައް ހުއްޓުވަނީ އެންމެ ގައުމަކުން ވީޓޯގެ ބާރު ބޭނުންކޮށްގެން ކަމަށެވެ.
"ފަލަސްތީނަށް އިންސާފް ހޯދައިދިނުމަށް ހަރުއަޑުން ގޮވާލަމުންދާއިރު އެންމެ ވޯޓަކުން އަޑުނީވޭ ކަމަކަށް ހެދުމަކީ ލަދުވަތި ކަމެއް. އެ އެއް ވޯޓުން އދގެ ސަލާމަތީ މަޖިލިސް އަނެއްކާވެސް ފެއިލް ވެއްޖެ،" ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފަލަސްތީންގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކަކީ ތާރީހުގައި އަބަދުވެސް ލިޔެވެމުންދާ ކަންކަމަށްވާތީ އެއީ ނުވާ ކަމެއްގެ ގޮތުގައި އަދި ނޭނގޭ ކަމަކަށް ހަދައިގެން ބަލަން ނުތިބެވޭނެ ކަމަށެވެ. އެކަމަކު އދގެ އެންމެ ބާރުގަދަ ގުނަން -- ސަލާމަތީ މަޖިލިސް އޮތީ އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ނުކުޅެދި ފެއިލްވެފައި ކަމަށްވެސް ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ އިޒްރޭލުގެ ޖަރީމާތައް މިއަދު އާދައިގެ އާންމު ކަމަކަށް ވެގެން ގޮސްފައިވާ ކަމަށެވެ. އަދި އިޒްރޭލާ ދެކޮޅު ގަރާރުތަކާއި މައްސަލަތައް އދގެ ސަލާމަތީ މަޖިލީހުން ވީޓޯ ކުރަމުންދާތީ އދގައި އޮންނަ ވީޓޯގެ ބާރަކީ އިޒްރޭލުން އަނިޔާވެރިކަން އިސްކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ހައިދަރު ހަރުއަޑުން އދއަށް ގޮވާލެއްވީ އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ގުޅިގެން ރެފިއުޖީންގެ ގޮތުގައި ތިބި ފަލަސްތީން ރައްޔިތުންގެ ބިންތައް އެމީހުންނަށް އަނބުރާ ހޯދައިދިނުމަށެވެ.
ފަލަސްތީނަކީ އދގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ދަރަޖަ އަދި އޮތް ގައުމެއް ނޫނެވެ. އދގެ އޮބްޒާވަރެއްގެ ދަރަޖަވެސް ފަލަސްތީނަށް ދީފައިވަނީ 2012 ވަނަ އަހަރު އެވެ. ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދައިދިނުމަށް އދގެ އާންމު މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރި މައްސަލަ މިދިޔަ މަހުގެ ތެރޭގައި އެމެރިކާ އިން ވަނީ ސަލާމަތީ މަޖިލީހުގައި އެ ގައުމަށް އޮންނަ ވީޓޯގެ ބާރު ބޭނުންކޮށްގެން މައްސަލަ ބޭރުކޮށްލާފަ އެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ދިނުމަށް އދގެ ސަލާމަތީ މަޖިލީހުގެ ތެރެއިން އެންމެ ބޮޑަށް ހުރަސް އަޅަނީ އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ، އިނގިރޭސިވިލާތުންނެވެ. ބައެއް ފަހަރު ފްރާންސުންވެެސް މި ދެ ގައުމާ ބައިވެރިވެ އެވެ. މިތިން ގައުމުގެ އިތުރުން އދގައި ވީޓޯގެ ބާރު ލިބިފައިވަނީ ޗައިނާ އަދި ރަޝިއާ އަށެވެ.
ދިވެހިރާއްޖެ އަކީ ފަލަސްތީން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ދިނުމަށް ބައިނަލްއަގްވާމީ މަޝްރަހްގައި އެންމެ ވަރުގަދައަށް ވަކާލާތު ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި ދިވެހިންނަކީ ފަލަސްތީނަށް އެހީތެރިކަން ބޭނުންވާ ކޮންމެ ފަހަރަކުވެސް ވަރަށް ދީލަތި ކަމާއެކު ފަލަސްތީނަށް އެހީވާ ރައްޔިތުންތަކެއް ތަކެކެވެ.