ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ފަލަސްތީންގެ ހައްގުގައި ތެދުވުމަށް ގޮވާލައިފި

ފަލަސްތީނަށް މިނިވަން ދައުލަތެއް ކަށަވަރުކޮށްދިނުމަށާއި ފަލަސްތީން ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މުޅި އިސްލާމީ އުންމަތް ތެދުވުމަށް ދިވެހި ސަރުކާރުން ގޮވާލައިފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިކަމަށް ގޮވާލެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި އިއްޔެ ފަށާފައިވާ އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ޝަހީމްގެ ވާހަަކަފުޅުގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި އެކަށީގެންވާ ގޮތެއްގައި އަދި ވީއެންމެ އަވަހަށް އިންސާނީ އެހީތެރިކަން ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވުމަށްވެސް އިސްލާމީ އުއްމަތުގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

ދެމެހެއްޓެނިވި ސުލްހައަށްޓަކައި އދގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ޒަރޫރީ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ޝަހީމް އެދިވަޑައިގެންނެވީ ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އިސްލާމީ އުގަމުތަކުން އިތުރު މަސައްކަތްތަކެއް ކުރުމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ރާއްޖެއިން ތާއީދުކުރާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ފަލަސްތީނަށް އދގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ތަކުރާރުކުރެއްވި އެވެ.

ޑރ. ޝަހީމް ވަނީ މިޔަންމާގައި ރޮހިންޔާ ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކުގެ މައްސަލަވެސް ފާހަގަކުރައްވާފަ އެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މިޔަންމާއާ ދެކޮޅަށް ގެމްބިއާއިން ހުށަހަޅާފައިވާ މައްސަލައިގައި އެ ގައުމުން ކުރަމުންދާ މަސައްކަތްތަކުގައި ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން ޝައުގުވެރިވާ ކަމުގައިވެސް ޝަހީމް ވިދާޅުވި އެވެ. އަދި އިސްލާމްދީނަށް ފުރައްސާރަކުރުމާއި އިސްލާމްދީނާ ދެކޮޅަށް ހިންގަމުންދާ އެކިއެކި ހަރަކާތްތައް ހުއްޓުވުމަށްޓަކައި، އިސްލާމްދީނުގައި ބާރުއަޅާ ސުލްހަވެރި އެކުވެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމާއި، ކެތްތެރިކަން އިސްކުރުން ފަދަ އަސްލުތަކުގެ މައުލޫމާތު ފެތުރުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ އޯއައިސީ ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ.

އިއްޔެ ފެށި މި ސަމިޓް ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ. މި އަހަރުގެ ސަމިޓުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން" އެވެ.

މިއަހަރުގެ ސަމިޓްގައި 14 ވަނަ އިސްލާމިކް ސަމިޓުގެ ރިޔާސަތު ބެލެހެއްޓެވި ސައުދި އަރަބިއްޔާއިން ވަނީ ސަމިޓުގެ ރިޔާސަތު ބެލެހެއްޓުން ގެމްބިއާއާ ހަވާލުކޮށްފަ އެވެ. މި ސަމިޓުގައި ތިން ލިޔުމަކަށް ގޮތެއް ނިންމެވުން ހިމަނާފައިވެ އެވެ. މީގެތެރޭގައި ފަލަސްތީނާއި އަލްގުދުސް އަޝް-ޝަރީފްގެ މައްސަލައިގެ ގަރާރަށް ގޮތެއް ނިންމުންވެސް ހިމެނެ އެވެ.

ދިވެހިރާއްޖެ އޯއައިސީގެ މެންބަރު ގައުމަކަށްވީ 1976 ވަނަ އަހަރު އެވެ. އަދި 57 މެންބަރު ގައުމު ހިމެނޭ އޯއައިސީގައި ދިވެހިރާއްޖެ ބައިވެރިވީއްސުރެ އަންނަނީ ހަރަކާތްތެރި މެންބަރެއްގެ ދައުރު އަދާކުރަމުންނެވެ.