ހަބަރު

އިސްތިއުނާފް މުއްދަތު 10 ދުވަހަށް ކުރުކޮށް އެކަމަށް އާ އުސޫލުތަކެއް ސުޕްރީމް ކޯޓުން ނެރެފި

ދަށު ކޯޓުތަކުގެ ނިންމުންތައް މަތީ ކޯޓުތަކުގައި އިސްތިއުނާފް ކުރަން މިހާރު ގާނޫނުގައި އޮންނަ މުއްދަތުތައް އުވާލައި، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަހަޅަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ދަށު ކޯޓުތަކުގެ ނިންމުންތައް މަތީ ކޯޓުތަކުގައި އިސްތިއުނާފް ކުރަން ލިބޭ 90 ދުވަހުގެ މުއްދަތާއި 180 ދުވަހުގެ މުއްދަތު އުވާލައި، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރަން ހުށަހަޅަންޖެހޭ ގޮތަށް ބަދަލު ގެނައީ ސުޕްރީމް ކޯޓުން މިއަދު ނެރުނު ރޫލިންއަކުންނެވެ.

އެ ކޯޓުގެ ރޫލިނުން މިއަދު ވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 85 ވަނަ މާއްދާގެ ށ. އާއި ކޯޓުތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ އިތުރުން އެ ގާނޫނުގެ 42 ވަނަ މާއްދާ ބާތިލްކޮށްފަ އެވެ. އަދި އިސްތިއުނާފް ކުރުމުގައި އަމަލުކުރަންޖެހޭނެ އާ އުސޫލުތަކެއް ހަމަޖައްސައި، އެއަށް އަމަލުކުރަންޖެހޭ ގޮތަށް ވަކި ސާކިއުލާއެއް ވެސް ވަނީ ނެރެފަ އެވެ.

އެ ރޫލިނުން މިއަދު ބާތިލްކުރި ކޯޓުތަކުގެ ގާނޫނުގެ 15 ވަނަ މާއްދާއަކީ ހައި ކޯޓުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ބޭނުން ނަމަ އެކަމަށް އޮންނަ މުއްދަތު ބަޔާންކުރާ މާއްދާ އެވެ. މިއަދު ބާތިލްކުރި އެ ގާނޫނުގެ 42 ވަނަ މާއްދާއަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ލިބޭ މުއްދަތުތައް ބަޔާން ކުރާ މާއްދާ އެވެ.

ކުރިން އޮންނަ ގޮތުން ހައި ކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ލިބެނީ ބަންދު ދުވަސްތައް ނުހިމަނައި، 90 ދުވަހެވެ. އަދި ދަށު ކޯޓުތަކުގެ ތެރެއިން މާލޭގައި ހުންނަ ކޯޓުތަކުގެ ނިންމާ މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ވެސް 90 ދުވަސް ލިބޭއިރު މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފް ކުރަން 180 ދުވަހުގެ މުއްދަތެއް ކޯޓުތަކުގެ ގާނޫނުންކުރިން ލިބެ އެވެ. ނަމަވެސް އެގޮތަށް ބަޔާންކުރާ ދެ މާއްދާ ވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ.

މީގެ އިތުރުން މިއަދު ބާތިލްކުރި ވަޒީފާއާބެހޭ ގާނޫނުގެ 85 ވަނަ މާއްދާގެ ށ. އަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުންތައް އިސްތިއުނާފް ކުރަން 60 ދުވަހުގެ މުއްދަތު ލިބިދޭ މާއްދާ އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރުނު ރޫލިންގައިވަނީ އެ މާއްދާތައް ބާތިލްކުރީ ގާނޫނުތަކުގައި އިސްތިއުނާފް ކުރަން މިހާރު ދީފައި ހުރި މުއްދަތުތަކަކީ އަވަހަށް އަދުލު އިންސާފަށް ވާސިލްވުމަށް ހުރި ހުރަސްތަކެއް ކަމަށް ބެލެވޭތީ ކަމަށެވެ. އެހެންވެ އެ މާއްދާތައް ބާތިލްކޮށް، އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފް ކުރަން އަމަލު ކުރަންޖެހޭނީ އެ ރޫލިންއާ އެކު އެ ކޯޓުން މިއަދު ނެރުނު ސާކިއުލާއާ އެއްގޮތަށް ކަމަށް ވެސް އެ ރޫލިންގައިވެ އެވެ.

އިސްތިއުނާފް ކުރަން ލިބޭ މުއްދަތުތައް ބަޔާންކުރާ މާއްދާތައް ރޫލިންއަކުން ބާތިލް ކުރުމުގެ އިތުރުން މިއަދު ވަނީ އިސްތިއުނާފް ކުރަން ބޭނުން ނަމަ އެކަމަށް އާ އުސޫލަކުން އަމަލުކުރަން ޖެހޭ ގޮތަށް ވެސް ސާކިއުލާއެއް ނެރެފަ އެވެ. އެ ސާކިއުލާގައިވާ ގޮތުން ދަށު މަރުހަލާގެ ހުރިހާ ކޯޓަކާއި ޓްރައިބިއުނަލްތަކުގެ ނިންމާ ނިންމުންތައް އިސްތިއުނާފް ކުރަން ބޭނުންވާ ނަމަ ވަކި ޚާއްސަ ފޯމެއް ފުރުމަށް ފަހު 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ހުށަހަޅަންޖެހޭނެ އެވެ.

އެތަނަކަށް އެ ފޯމް ހުށަހެޅުމުން އެ ފޯމް ލިބޭތާ އެންމެ ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފް ކުރެވޭ ކޯޓަށް އެ މައްސަލައެއްގެ ލިޔުންތަކާ އެކު ފައިލް ފޮނުވަންޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ. އެގޮތަށް ދަށު ކޯޓުން ފައިލް ފޮނުވުމުން ހަތް ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރެވޭ ކޯޓުން އެކަން ކަމާބެހޭ ފަރާތްތަކަށް އަންގަން އެ ސާކިއުލާ ލާޒިމް ކުރެއެވެ. އަދި އޭގެފަހުން އެ މައްސަލައަކާ ގުޅޭގޮތުން އަޅަންޖެހޭ އިޖްރާއީ ފިޔަވަޅުތައް އިސްތިއުނާފަށް ހުށަހެޅިފައިވާ ކޯޓުން އަޅަންޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.