ހައްޖުގެ އަޅުކަން

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާނީ މިމަހު 31ގައި

ރާއްޖެ އިން މިއަހަރު ހައްޖަށް ދާ ފުރަތަމަ ގުރޫޕް މިމަހުގެ 31 ގައި ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ މިއަހަރު ރާއްޖެއިން ހައްޖަށް ދާ މީހުން ފުރުވުމުގެ އިންތިޒާމުތަކުގައި ބައިވެރިވާ ހުރިހާ އިދާރާއަކުން މިއަދު ބޭއްވި ބައްދަލުވުމަކަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ޝަހީމް ވިދާޅުވީ ހައްޖުވެރިން ފުރުމަށްޓަކައި ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް އިންތިޒާމުކުރެވި ފުރިހަމަކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް މިއަހަރު ހައްޖު ކޯޓާގެ ގޮތުގައި ލިބިފައިވަނީ 1،000 ކޯޓާ އެވެ. މީގެތެރެއިން 50 ކޯޓާ ފިޔަވާ އެހެން ހުރިހާ ކޯޓާއެއް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

ސަރުކާރުން ނަގާފައިވާ 50 ކޯޓާ އަކީ ހައްޖަށް ދިއުމުގެ ތަނަވަސްކަން ނެތް ނިކަމެތިން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދުމަށް ނަގާފައިވާ ކޯޓާ ތަކެކެވެ. ގުރުއަތުލައިގެން އެ ފުރުސަތު ލިބުނު މީހުން ހޮވައި އެ މީހުންނަށް މިހާރު ވަނީ އެކަން އަންގާފަ އެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ ޖޫން މަހުގެ 15 ވަނަ ދުވަހެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދާ އެންމެންވެސް ސައުދި އަރަބިއްޔާ އަށް ދަނީ އެ ގައުމުގެ ގައުމީ އެއާލައިންގައެވެ.