ހައްޖުގެ އަޅުކަން

ހައްޖު މިޝަންގެ ބޭފުޅުން ސައުދީއަށް ފުރައިފި

ދިވެހިރާއްޖެ އިން މިއަހަރު ހައްޖަށް ފުރާ މީހުންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާ ހައްޖު މިޝަންގެ ބޭފުޅުން ސައުދި އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ހައްޖުވެރިންގެ ކަންކަން ފަސޭހަކޮށްދިނުމަށް ސައުދީގެ ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މިޝަނުން ކުރާނެ ކަމަށެވެ.

ހައްޖު މިޝަންގައި ހިމެނެނީ ހިމެނެނީ ހަތް ބޭފުޅުންނެވެ. މީގެތެރޭގައި ޑޮކްޓަރަކާއި އިސްލާމިކް މިނިސްޓްރީގެ މީޑިއާގެ ބޭފުޅުންވެސް ހިމެނެ އެވެ.

ހައްޖު މިޝަންގައި ހިމެނޭ ބޭފުޅުން

  • އުސާމް މުހައްމަދު
  • މުހައްމަދު ޝަކީލް
  • ޑރ. އަހްމަދު އަސްލަމް އަބްދުﷲ
  • މުހައްމަދު ރަމީޒު
  • އަހްމަދު އަދީލް
  • އަބްދުލް އަޒީޒު އިސްމާއީލް
  • ޖަންނަތު ސައީދު
  • ޒަމްއަތު އަހްމަދު ވަހީދު
  • އިބްރާހީމް އަކްމަލް

ރާއްޖެ އިން މިއަހަރު ހައްޖަށް ދާ ފުރަތަމަ ގުރޫޕް ފުރާނީ މިމަހުގެ 31 ގައެވެ.

ރާއްޖެއަށް މިއަހަރު ހައްޖު ކޯޓާގެ ގޮތުގައި ލިބިފައިވަނީ 1،000 ކޯޓާ އެވެ. މީގެތެރެއިން 50 ކޯޓާ ފިޔަވާ އެހެން ހުރިހާ ކޯޓާއެއް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

ސަރުކާރުން ނަގާފައިވާ 50 ކޯޓާ އަކީ ހައްޖަށް ދިއުމުގެ ތަނަވަސްކަން ނެތް ނިކަމެތިން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދުމަށް ނަގާފައިވާ ކޯޓާ ތަކެކެވެ. ގުރުއަތުލައިގެން އެ ފުރުސަތު ލިބުނު މީހުން ހޮވައި އެ މީހުންނަށް މިހާރު ވަނީ އެކަން އަންގާފަ އެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ ޖޫން މަހުގެ 15 ވަނަ ދުވަހެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދާ އެންމެންވެސް ސައުދި އަރަބިއްޔާ އަށް ދަނީ އެ ގައުމުގެ ގައުމީ އެއާލައިންގައެވެ.