ދުނިޔެ

އީރާންގައި އާ ރައީސަކު ހޮވުން ޖޫން 28 ގައި

އީރާންގައި އާ ރައީސަކު ހޮވުމަށް ރިޔާސީ އިންތިހާބެއް ޖޫން 28 ގައި ބާއްވާނެ ކަމަށް އިއުލާންކޮށްފި އެވެ.

ރިޔާސީ އަވަސް އިންތިހާބަކަށް އީރާން މިސްރާބު މި ޖެހީ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ޑރ. އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ހިނގި ހާދިސާއެއްގައި އޭނާ އަވަހާރަވުމާ ގުޅިގެންނެވެ.

އީރާންގެ ގާނޫނުއަސާސީގައި އޮންނަ ގޮތުން ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަވަހާރަވެއްޖެނަމަ ނުވަތަ އެ މަގާމު އަދާކުރެއްވުމަށް އުޒުރުވެރިވެއްޖެ ހިނދެއްގައި -- ނައިބު ރައީސުންގެ ތެރެއިން އިސްކަން ދެވޭ ތަރުތީބަކުން ބޭފުޅަކު ރައިސްގެ ޒިންމާތައް އުފުއްލަވަން ޖެހިވަޑައިގަންނަވާނެ އެވެ.

ވަގުތީ ރައިސްގެ ޒިންމާ މިހާރު އޮތީ މުހައްމަދު މުޚްބިރުގެ ކޮނޑުފުޅުގަ އެވެ. އާ ރައީސަކު އައްޔަންކުރެވި މަގާމާ ހަވާލުވެ ވަޑައިގަންނަވަންދެން ރައީސްގެ ޒިންމާތައް މުޚްބިރު އުފުއްލަވާނެ އެވެ.

އިބްރާހީމް ރައީސީ އާއި ހާރިޖި ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާން އަވަހާރަވީ، އަޒަރުބައިޖާންއާ އިރާން ގުޅޭ ސަރަހައްދުގައި ޑޭމެއް ހުޅުވުމަށް ފަހު ވެރިރަށް ތެހެރާންއަށް ދަތުރުކުރައްވަނިކޮށެވެ.

އީރާންގެ ހާރިޖީ ވަޒީރުގެ މަގާމު މިހާރު އަދާކުރައްވަނީ އަލީ ބާގިރީ އެވެ.