ފަލަސްތީންގެ ހާލަތާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ޕްރޮސެކިއުޓަރު، އެ ކޯޓުގެ ޕްރީ-ޓްރަޔަލް ޗެމްބަރަށް ހުށަހަޅުއްވާފައިވާތީ އެކަމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.
އައިސީސީގެ ޕްރޮސެކިއުޓަރުގެ ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ރޭ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށްޓަކައި އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް މެދުކެނޑުމެއްނެތި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި އަދި އިންސާނިއްޔަތާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން އިންސާނީ ބޮޑު ކާރިސާއަކަށް މަގުފަހިވެފައިވާ އަމަލުތަކެއް ކަމަށެވެ.
"އެހެންކަމުން ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ޖިނާއީ ޒިންމާ ބެންޖަމިން ނަތަންޔާހޫ އާއި ޔޯއާވް ގަލަންޓް އުފުލަން ޖެހޭނެ ކަމަށް ޕްރޮސެކިއުޓަރުގެ ހުށަހެޅުއްވުމަށް ދިވެހި ސަރުކާރުން ތާއީދުކުރަމެވެ،" ބަޔާންގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާބެހޭ މުއާހަދާ "ދަ ރޯމް ސްޓެޓިއުޓް"ގެ ބައިވެރިވި ދައުލަތެއްގެ ހައިސިއްޔަތުން، ބައިނަލްއަގްވާމީ ގާނޫނުތަކުގެ މިންގަނޑުތަކަށް ބޯލެނބުމާއި އަދުލު އިންސާފާއި ޖަވާބުދާރީވުމުގެ އަސާސްތައް ދެމެހެއްޓުމުގެ މުހިއްމުކަންވެސް ދިވެހިރާއްޖެއިން ފާހަގަކުރާ ކަމަށެވެ.
އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ސާބިތުހެކި ޕްރޮސެކިއުޓަރު ހުށަހަޅުއްވާނެ ކަމަށާއި އަދި ކޯޓުގެ އަދުލުވެރިކަމާއި ނަޒާހަތްތެރިކަމާ މެދު ދިވެހި ސަރުކާރަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ބުނެފައިވެ އެވެ.
މިބަޔާނުގައި ވަނީ ފަލަސްތީންގެ ރައްޔިތުންނަށް ލިބިދޭންޖެހޭ އަމިއްލަ އިޚްތިޔާރުގެ ހައްގާއި، މިނިވަން ދައުލަތެއް ގާއިމު ކުރުމުގެ ހައްގު ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ދިވެހި ސަރުކާރު ސާބިތުކަމާއެކު ފަލަސްތީންގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
"އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަލަސްތީންގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި، ފަލަސްތީންގެ ސިޔާދަތީ މިނިވަން ދައުލަތެއް ގާއިމުކޮށް، ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ދާއިމީ އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް ބައިނަލްއަގްވާމީ ފަރާތްތަކަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.