ދުނިޔެ

އީރާންގެ ރައީސް، އިބްރާހީމް ރައީސީގެ ޖަނާޒާއަށް އެއްވެ ތިބިހާ މީހުން

އީރާންގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ރައީސީ އަދި ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާންގެ ޖަނާޒާގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ޖަނާޒާގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހުންނެވީ އެ ގައުމުގެ ލީޑަރު އަލީ ހާމަނާއީ އެވެ.

އީރާންގެ ވެރިރަށް ތެހެރާންގައި އޮތް މި ރަސްމިއްޔާތުގައި ބައިވެރިވުމަށް އެކި އަވަށްތަކުން އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެފަ އެވެ. އަދި ޖަނާޒާ ހިނގަމުންދިޔަ ސިޓީ ސެންޓަރަށް ނުތަކާ ވަރަށް ވަނީ މީހުން ވަދެފަ އެވެ.

ޖަނާޒާގެ ރަސްމިއްޔާތަށްފަހު އިބްރާހީމް ރައީސީގެ ގަބުރު ގެންދާނީ އޭނާގެ އުފަން ރަށް މަޝްހަދު ސިޓީ އަށެވެ. ފަސްދާނުލާނީ މި އަވަށުގަ އެވެ.

އިބްރާހީމް ރައީސީ އާއި ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލާހިޔާން އަދި ހެލިކޮޕްޓަރުގައި ދެން ތިބި ހަތް މީހުން އަވަހާރަވީ، އީރާނާއި އަޒަރުބައިޖާން ގުޅޭ ސަރަހައްދުގައި ޑޭމެއް ހުޅުވައިދެއްވުމަށް ފަހު އެ ބޭފުޅުންގެ ރަސްމީ މަތިންދާބޯޓަށް ދަތުރުކުރަނިކޮށް ހިނގި ހެލިކޮޕްޓަރު އެކްސިޑެންޓެއް ގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މާބޮޑަށް މޫސުން ގޯސްވުމެވެ. ނަމަވެސް އެކްސިޑެންޓް ހިނގި ސަބަބު ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. މި އެކްސިޑެންޓާ ގުޅިގެން ޝައްކުކުރެވޭ އެތައް ކަމެއް ދަނީ ތަހުގީގުކުރަމުންނެވެ.

ތަޖުރިބާކާރުން ދެކެލައްވާ ގޮތުގައި އިބްރާހީމް ރައީސީ ދަތުރުކުރެއްވީ ވަރަށް މުސްކުޅި ހެލިކޮޕްޓަރެއްގަ އެވެ. އެއީ ސަރުކާރުގެ އެހާ އިސް ވަފުދެއް ދަތުރުކުރަން ހެޔޮ ނުވާ ވަރުގެ އުޅަނދެއް ކަމަށް ހެލިކޮޕްޓަރު މާހިރުން ވިދާޅުވެ އެވެ.

އިބްރާހީމް ރައީސީ އަކީ އީރާންގައި ވަރަށް މަޝްހޫރު ބޭފުޅެކެވެ. އީރާންގެ ލީޑަރު އަލީ ޚަމަނާއީއަށްފަހު އެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅަކީ އެއީ ކަމަށްވެސް ހުޅަނގުގެ ނޫސްތަކުން ކުރިން ބުންޏެވެ. ނަމަވެސް ތެހެރާން ޔުނިވާސީޓީގެ ޕްރޮފެސަރު މުހައްމަދު މަރާންދީ ވިދާޅުވި ގޮތުން އަލީ ޚާމަނާއީއަށްފަހު އެ މަގާމަށް އިބްރާހީމް ރައީސީ އައްޔަންކުރައްވާނެ ކަމަށް ބުނާ ބަޔަކީ ހުޅަނގުގައި ބޮލުރޮދި ކެނޑިފައި ތިބި ސިޔާސީ ލީޑަރުންނެެވެ.

އީރާންގެ ލީޑަރުގެ ދަރަޖައަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން އިބްރާހީމް ރައީސީ ދުވަހަކުވެސް ފާޅުކުރައްވާފައި ނުވާ ކަމަށްވެސް ޕްރޮފެސަރު ވިދާޅުވި އެވެ. އަދި ސަރުކާރުގެ މަތިފަޑީގައިވެސް އެފަދަ ވާހަކަތަކެއް ނުދެކެވޭ ކަަމަށް އޭނާ ވިދާޅުވި އެވެ.