ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމުން ބާއްވާ އެ ޕާޓީގެ ޖަލްސާގެ ތެރޭގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ޕީޕީއެމަށް ސޮއި ނުކުރާނެ ކަމަށާއި އެއީ ޕީޕީއެމުން ހަދައިގެން ދައްކާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޖޭޕީން ބުނެފި އެވެ.
ޖޭޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު ވިދާޅުވީ އެފަދަ އަޑުތަކެއް ޕީޕީއެމުން އަރުވާފައި ވަނީ ގާނޫނު އަސާސީގެ ދިފާއުގައި ޖޭޕީން މަސައްކަތްތަކެއް ކުރުމަށް ނިންމައި މިހާރު ފަށާފައިވާ މަސައްކަތްތަކުގެ އަޑު މީޑިއާގެ ތެރެއިން ކަނޑުވައިލުމަށް ކަމަށެވެ.
"އަނެއް ބޭނުމަކީ ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމުން ބާއްވާ ޖަލްސާއަށް މީހުން އިތުރު ކުރުން އެނޫން އެއްވެސް ކަމެއް ނެތް. މި ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ޕީޕީއެމަކަށް ސޮއެއް ނުކުރާނެ އެއީ ހަގީގަތާ ހިލާފު ވާހަކަތެއް،" އަލީ ސޯލިހު ވިދާޅުވި އެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ތިން މެންބަރަކު އެ ޕާޓީއާ ގުޅޭނެ ކަމަށެވެ. އޭގެ ތެރޭގައި ޖޭޕީގެ ދެ މެންބަރަކާއި އެމްޑީޕީގެ މެންބަރަކު ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
އަޑުތައް ފެތުރިފައިވާ ގޮތުން ޖޭޕީން ސޮއި ކުރަނީ ހުސައިން މުހައްމަދާއި އިތުރު މެންބަރެކެވެ. އެމްޑީޕީން ސޮއި ކުރަނީ ޔާމީން ރަޝީދެވެ.
ރައްޔިތުން މަޖިލީހުގެ އިތުރު ތިން މެންބަރަކު އެ ޕާޓީއާ ގުޅިއްޖެ ނަމަ އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންގެ އަދަދު 46 އަކަށް އަރާނެ އެވެ.
ޕީޕީއެމްގެ ޖަލްސާ އޮންނާނީ، ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގަ އެވެ. މަޖިލިސް މެންބަރުންގެ އިތުރުން އިދިކޮޅު ބައެއް ޕާޓީތަކުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންނާއި ގިނަ އަދަދެއްގެ އާންމުން ވެސް ޕީޕީއެމް އަށް ސޮއި ކުރާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.