ހަބަރު

ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގެ ތިޖޫރީ ވަގަށް ނެގި ދެ މީހުން ހައްޔަރުކޮށްފި

ގދ. ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގެ ތިޖޫރީ ވަގަށް ނަގައި އެ ރަށު ކައުންސިލް އިދާރާއިން ވައްކަން ކުރި ކަމަށް ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފަރެސްމާތޮޑާގައި އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި ސިއްހީ މަރުކަޒަށް ވަގަށް ވަދެ އެތާނގައި ހުރި ތިޖޫރީ ވަގަށް ނެގުމަށްފަހު ރަށު ކައުންސިލް އިދާރާ އަށް ވަގަށް ވަދެ ކައުންސިލް އިދާރާގެ އޮފީސް ތެރޭގައި އޮތް ފޯނެށް ވަނީ ވަގަށް ނަގާފައެވެ. ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން މިމައްސަލައަށް ތުހުމަތު ކުރެވޭ 22 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށާއި ގެއްލިފައިވާ ތަކެއްޗާއި ވައްކަން ކުރުމަށް ބޭނުން ކޮށްފައިވާ ތަކެތި 24 ގައިޑިރު ތެރޭ ހޯދައިފައިވާ ކަމަށެވެ.

ސިއްހީ މަރުކަޒުގެ ތިޖޫރީ ހޯދާފައިވަނީ އެރަށު މާތޮޑާ އަވަށުގައި އޮތް ފެންގަނޑެއްގެ ތެރެއަށް އެއްލާލާފައި ވަނިކޮށް ކަމަށާއި ކައުންސިލް އިދާރާއިން ވަގަށްނެގި ކަމަށް ބެލެވޭ ފޯނު ހޯދާފައިވަނީ މިމައްސަލާގައި ހައްޔަރުކުރި މީހުން ދިރިއުޅޭގެ ބަލައި ފާސްކޮށްގެން ކަމަށެވެ. އެހެން ނަމަވެސް ތިޖޫރީން ގެއްލުނު ކަމަށް ބެލެވޭ ފައިސާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މިހާތަނަށް ތަހުގީގުން އެނގިފައިވާ ގޮތުގައި މި ދެ މައްސަލައިގައިވެސް ވައްކަން ކޮށްފައިވަނީ އެއް ބައެއް ކަމަށާއި
އަދި ކޯޓްއަމުރުގެ ދަށުން ހައްޔަރު ކޮށްފައިވާ 18 އަހަރުން ދަށުގެ ކުޑަކުއްޖަކާއި އާއި 22 އަހަރުގެ ފިރިހެންމީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.