ވައްކަން

ފިހާރައެއްގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ވައްކަންކޮށްފި

Oct 2, 2022

މާލޭގެ ފިހާރައެއްގެ ތަޅު ހަލާކުކޮށްލައިގެން ފިހާރައަށް ވަދެ ވައްކަންކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މާލޭގެ ފަރީދީމަގުގައި ހުންނަ "ހޫރުލްއީން" ފިހާރައަށް މީހަކު ވަދެ، ވައްކަން ކުރާ މަންޒަރެވެ. އެ ފިހާރައިން ވައްކަންކޮށްފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތުގަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ވައްކަން ކުރި މީހާގެ އަތުގައި އޮތް އެއްޗެއް ބޭނުންކޮށްގެން އެ ފިހާރައިގެ ދޮރު ހުޅުވުމަށް މަސައްކަތް ކުރެ އެވެ. ތަކުރާރުކޮށް އެ މަސައްކަތްކުރުމަށްފަހު ފިހާރައިގެ ދޮރު އޭނާ ހުޅުވަ އެވެ.

އޭގެފަހުގައި ފިހާރައަށް ވަދެ، ކައުންޓަރު ކައިރީގައި ހަމަޖެހިލައިގެން އިށީނދެ އިނދެ، ކައުންޓަރުން ފައިސާތައް ނަގައި ޖީބަށް ލައިގެން ނިކުމެގެންދާ މަންޒަރު ވެސް ފިހާރައިގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.

ފިހާރައަށް ވަދެ ވައްކަންކޮށްފައިވަނީ މަގުމަތީގައި އެކަށީގެންވާ އަދަދަކަށް މީހުން އުޅުނު ވަގުތެއްގައި ކަން ވީޑިއޯ އިން ފާހަގަކުރެވެ އެވެ.

ފުލުހުން ބުނީ ރޭ 8:30 ހާއިރު މިމައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. މައްސަލަ ތަހުގީގުކުރަމުންދާ ކަމަށްވެސް ބުންޏެވެ.

މާލޭގައި ހުންނަ އޭއެޗް ބްރަދާސް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި އެތަނަށް ހުކުރު ދުވަހުގެ ފަތިހު ވަގަކު ވަދެ އެ ފިހާރައިން ވެސް ވައްކަންކޮށްފައިވެ އެވެ،