ވައްކަން

އޭއެޗް ބްރަދާސްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކޮށްފި

Oct 1, 2022

މާލޭގައި ފުޅާދާއިރާއެއްގައި ހާޑްވެއާ ސާމާނު ވިއްކާ އޭއެޗް ބްރަދާސް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ފިހާރައިން ވައްކަންކޮށްފި އެވެ.

މަޖީދީމަގުގައި ހުންނަ އޭއެޗް ބްރަދާސްގެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކޮށްފައިވަނީ ހުކުރު ދުވަހުގެ ފަތިހު 5:37 ހާއިރު އެވެ. އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ ޕޭވްމަންޓް ގަލަކުން ޖަހާފަ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ފިހާރައިގެ މެނޭޖަރު އަބްދުﷲ ހަސަން ވިދާޅުވި ގޮތުގައި ތަޅާލާފައިވަނީ ސެންޓްރަލް ކްލިނިކް ކުރިމައްޗަށްވާ ގޮތަށް ހުރި ފިހާރައިގެ ބިއްލޫރިގަނޑެވެ.

"އަޅުގަނޑުމެން މިހާރު ބަލަމުން މިދަނީ ކޯންޗެއްތޯ ވަގަށް ނެގީ. މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުން ފިހާރައިގެ ވައިބާ ފޯނު ވަނީ ވަގަށް ގެންގޮސްފަ" އަބްދުﷲ ހަސަން ވިދާޅުވި އެވެ.

ބިއްލޫރިގަނޑު ތަޅާލުމަށްފަހު، ވަގު ވަދެފައިވަނީ ވަރަށް ކުޑަ ޖާގައަކުންކަން އަބްދުﷲ ވަނީ ފާހަގަކުރައްވާފަ އެވެ.

"ބިއްލޫރީގައި ނެތް ލޭތިކެއްވެސް. ވަރަށް ހަނި ދޭތެރެއަކުން ވަގު ވަދެފައިވަނީ. އަޅުގަނޑު ގާތު ފުލުހަކުވެސް ބުނި އެފަދަ ހަނި ދޭތެރެތަކުން ވަދެ ވައްކަންކުރާކަން ފާހަގަކުރެވިފައިވާ ކަމަށް" އަބްދުﷲ ވިދާޅުވި އެވެ.

ފިހާރަ ތެރޭގައި ވަގު އުޅޭ މަންޒަރު ސީސީޓީވީން ފެންނަ ކަމަށާއި ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކޮށްފައިވަނީ މެރޫން ކުލައިގެ ގަމީހެއް ލައިގެން ހުރި މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަގުންގެ ކިބައިން ސަލާމަތްވުމަށް ފިހާރައިގެ ދިއްލުންތައް ދިއްލާފައި ބެހެއްޓުމަކީ ކުރެވިދާނެ ކަމެކެވެ.