މޯލްޑިވްސް ޕޮލިސް ސާވިސް

ރޯދަ ފުރަތަމަ ހަފްތާ: އެންމެ ގިނައީ ވައްކަމުގެ މައްސަލަ

ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އަވަސް އަށް ފުލުހުން މިއަދު ހިއްސާކުރި ރޯދަ މަހުގެ ތަފާސްހިސާބު ތަކުގައި ރޯދަ މަހުގެ ފުރަތަމަ ހަފްތާ އިއްޔެއަށް ނިމިގެން ދިޔައިރު ޖުމުލަ 1000 މައްސަލަ ހުށަހަޅާފައިވެ އެވެ. އެއީ މާލެ ސަަރަހައްދުން 386 މައްސަލަ އަކާއި އަތޮޅުތަކުން 614 މައްސަލަ އެވެ.

އެންމެ ގިނަ މައްސަލަ ހުށަހަޅާފައި ވަނީ ނޯތު ސެންޓްރަލް ޑިވިޝަން [ކ، އއ، އދ އަދި ވ] ހިމެނޭ ސަރަހައްދުންނެވެ. އެގޮތުން ޖުމުލަ 429 މައްސަލަ އެ ސަރަހައްދުން ހުށަހަޅާފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ މާލެ ސަރަހައްދުންނެވެ. އެއީ 386 މައްސަލަ އެވެ. ތިންވަނަ އަށް އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ސައުތު ޕޮލިސް ޑިވިޝަން [ފުވައްމުލައް އަދި އައްޑޫ ސިޓީ] ހިމެނޭ ސަރަހައްދުންނެވެ. އެ ސަރަހައްދުން 51 މައްސަލަ ހުށަހަޅާފައިވެ އެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ހުށަހެޅުނު ވައްކަމުގެ މައްސަލަތަކުގެ އަދަދު އުޅެނީ 314 ގައެވެ. ވައްކަމުގެ އެންމެ ގިނަ މައްސަލަ ވެސް ރިޕޯޓްކޮށްފައިވަނީ ނޯތު ސެންޓްރަލް ޑިވިޝަނަށެވެ. އެއީ 138 މައްސަލަ އެވެ. ދެވަނަ އަށް މާލޭ ސަރަހައްދުން ހުށަހަޅާފައިވަނީ ވައްކަމުގެ 136 މައްސަލަ އެވެ.

ކުށުގެ ބާވަތަށް ބަލާއިރު ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް މައްސަލަތަކެވެ. އެގޮތުން ޖުމްލަ 108 މައްސަލަ ހުށަހަޅާފައިވެ އެވެ. ނޯތު ސެންޓްރަލް ޑިވިޝަނަށް ޓްރެފިކްގެ 49 މައްސަލަ ހުށަހަޅާފައިވާއިރު ދެވަނަ އަށް އެންމެ ގިނައިން ޓްރެފިކް މައްސަލަ ހުށަހަޅާފައިވަނީ މާލޭ ސަރަހައްދުންނެވެ. އެއީ 47 މައްސަލަ އެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޑްރަގުގެ މައްސަލަ ތަކެވެ. އެގޮތުން ޑްރަގާ ގުޅުންހުރި ޖުމްލަ 100 މައްސަލަ ހުށަހަޅާފައިވެ އެވެ. ޑްރަގުގެ ވެސް އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ނޯތު ސެންޓްރަލް ޑިވިޝަނަށެވެ. އެއީ 44 މައްސަލަ އެވެ. ދެވަނަ އަށް އެންމެ ގިނައިން ޑްރަގުގެ މައްސަލަ ހުށަހަޅާފައިވަނީ މާލެ ސަރަހައްދުންނެވެ. އެއީ 32 މައްސަލަ އެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހުށަހެޅުނު އެހެން މައްސަލަތަކުގެ ތެރޭގައި މާރާމާރީގެ 64 މައްސަލަ އާއި، ބިރުދައްކައިގެން ކަންކަން ކުރުވުމުގެ 58 މައްސަލަ އާއި، ފޭރުމުގެ 15 މައްސަލަ ހިމެނެ އެވެ. އަދި ޖިންސީ ފުރައްސާރައިގެ 18 މައްސަލަ އާއި، ގެވެށި އަނިޔާގެ 14 މައްސަލަ ވެސް ހުށަހަޅާފައިވެ އެވެ. އެންމެ މަދުން ހުށަހަޅާފައިވަނީ ކައުންޓާ ފީޑް ފޯޖަރީގެ މައްސަލަ ތަކެވެ. އެގޮތުން އެފަދަ ދެ މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

އެެންމެ ކުށް މަދު ސަރަހައްދުގެ ގޮތުގައި ފާހަގަކުރެވެނީ ސެންޓްރަލް ޕޮލިސް ޑިވިޝަން [ދ، ފ އަދި މ] ހިމެނޭ ސަރަހައްދެވެ. އެގޮތުން ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެ ސަރަހަށްދުން ހުށަހަޅާފައިވަނީ ޖުމުލަ 18 މައްސަލަ އެވެ.