ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ހުއިފިލަނޑާގެ ދެ ބާވަތެއް ރާއްޖެއިން ބޭރުކުރުން މަނާކޮށްފި

ހުއިފިލަނޑާގެ ދެ ބާވަތެއް ރާއްޖެއިން ބޭރުކުރުން ސަރުކާރުން މަނާކޮށްފި އެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖެ އިން ބޭރުކުރުން މަނާކުރީ ކައްޗަލަ އާއި އަލަނާސި ކަމަށާއި މިއީ ދުނިޔެ އިން ނެތި ހިނގައިދާނެ ކަމުގެ ބިރު އޮތް ދެ ބާވަތް ކަމަށެވެ.

ސަރުކާރުން މި ފިޔަވަޅު އެޅީ ރާއްޖެއިން ބައިވެެރިވެފައިވާ ކޮންވެންޝަން އޮފް އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް (ސައިޓީސް) މުއާހަދާއަށް ހުއިފިލަނޑާގެ މި ދެ ބާވަތް އިތުރުކުރުމުންނެވެ.

ޝިޔާމު ވިދާޅުވި ގޮތުގައި ރާއްޖެއިން އާންމުކޮށް ބޭރުކުރަމުން ދިޔަ މި ދެ ބާވަތް ބޭރުކުރުން މަނާ ވާނީ ކުރިއަށް އޮތް ޖޫން އެއްވަނަ ދުވަހުން ފެށިގެންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައިވެސް 2020 ވަނަ އަހަރު ހުއިފިލަނޑާގެ ދެ ބާވަތެއް ރާއްޖެއިން ބޭރުކުރުން މަނާކުރި އެވެ. އެކަމަކު އޭރު މަނާކުރި ކަޅު ބަޓާއި ހުދު ބަޓް، ހާއްސަ ހުއްދައެއްގެ ދަށުން ބޭރުކުރަން ފަހުން ފުރުސަތު ދިނެވެ.

ރާއްޖޭގައި ހުއިފިލަނޑާގެ ގިނަ ބާވަތްތަކެއް އުޅުނު ނަމަވެސް ވިޔަފާރީގެ ބޭނުމަށް ބޭނުންކުރަނީ 15 ވަރަކަށް ބާވަތެވެ.