ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

މެރިން ސައިންސް ސިމްޕޯސިއަމް އިފްތިތާހުކޮށްފި

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް މިއަދު އިފްތިތާހު ކޮށްފި އެވެ.

ކޮންމެ ދެ އަހަރުން އެއް އެއް އަހަރު ބާއްވާ މި ސިމްޕޯސިއަމްގެ ފަސްވަނަ ސިމްޕޯސިއަމް މިއަދު ފެށީ ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމް ގައެވެ.

މޯލްޑިވްސް ރިސާޗް އިންސްޓިޓިއުޓުން އިންތިޒާމު ކުރާ މި ސިމްޕޯސިއަމް މިއަދު ފަށްޓަވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ ސިމްޕޯސިއަމްއަށް 63 ދިރާސާ އާއި 35 ޕްރެޒެންޓޭޝަނާއި 28 ޕޯސްޓަރު ހުށަހަޅާފައިވެ އެވެ.

ސިމްޕޯސިއަމް އަށް ހުށަހަޅާފައިވާ ދިރާސާތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި، ޔުނިވާސިޓީތަކުން ކޮށްފައިވާ މަސައްކަތްތަކެއް ހިމެނެ އެވެ.

ދިރާސާ ކަރުދާސް އޮންލައިންކޮށް އާންމުންނަށް ފެންނާނެ ގޮތް ހެދުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

މީގެ އަށް އަހަރު ކުރިން -- 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި ސިމްޕޯސިއަމްގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ކަނޑުތަކާއި ދިރުންތަކާ ގުޅޭ މައުލޫމާތު އެއްތަންކޮށް މަޝްވަރާކުރުމެވެ.