ތިލަފުށިން ބަޔަކަށް ކުއްޔަށް ދީފައިވާ ސަރަހައްދެއްގައި ހުރި އުޅަނދުތަކަކާއި ތަކެތި އެ ތަނުން ނެގުމަށް އެޗްޑީސީ އިން އަންގައިފި އެވެެ.
ތިލަފުށި ބަލަހައްޓާ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބިން ކުއްޔަށް ނެގި ފަރާތުން އެ ބިމުގައި މަސައްކަތް ފަށާފައިވާތީ އެ ތަނުގައި ހުރި އުޅަނދުތަކާއި ތަކެތި ވީހާވެސް އަވަހަށް ނެގުމަށް އެދޭ ކަމަށެވެ.
އެޗްޑީސީގެ އިއުލާންގައި ވަނީ އެ ތަނުގައި ހުރި އުޅަނދުތަކާއި ތަކެތީގެ މައުލޫމާތާއި އުޅަނދުތަކުގެ ނަންބަރުވެސް އާންމުކޮށްފައިވެ އެވެ.

އެޗްޑީސީ އިން ބުނާ ސަރަހައްދުގައި ހުރި އުޅަނދު ތަކުގެ ތެރޭގައި ސަފާރީއަކާއި، ހަތް ލޯންޗާއި، ބާޖަކާއި، އެކްސްކަވޭޓަރެއް ހިމެނެ އެވެ. މީގެ އިތުރުން ހަލާކުވެފައިވާ ހަލްއަކާއި، ޑަމްޕް ޓްރަކަކާއި، ދެ ކާރާއި ވޭން ވެސް ހިމެނެ އެވެ. އަދި މި ސަރަހައްދުގައި ދެ ކޮންޓެއިނާއަކާއި، ޓަޔަރުތަކަކާއި ހޮޅިތަކަކާއި ފިޔުލް ޓޭންކެއްވެސް އޮތް ކަމަށްވެސް އިއުލާންގައިވެ އެވެ.
ލިސްޓުކޮށްފައިވާ އެއްވެސް އުޅަނދެއް ނުވަތަ ތަކެއްޗެއްގެ ވެރިފަރާތެއްވާނަމަ އެޗްޑީސީގެ ހޮޓްލައިން ނަންބަރަށް ގުޅާ މައުލޫމާތު ސާފު ކުރުމަށްވެސް އެދިފައިވެ އެވެ.
މިތަކެތި ނެގުމަށް އެޗްޑީސީ އިން ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގައި އުޅަނދުތަކާއި ތަކެތި ނަގާފައި ނުވާނަމަ އެ އުޅަނދުތަކާއި ތަކެއްޗާ މެދު އެޗްޑީސީއަށް ފެންނަ ގޮތަކަށް އަމަލުކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.