އެޗްޑީސީ

ތިލަފުށީގެ ފަޅުތެރެއިން އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގައިފި

ކ. ތިލަފުށީގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

މިގޮތަށް އެންގީ އެ ސަރަހައްދުގައި ސްލޯޕިންގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭތީ އެވެ.

އެޗްޑީސީން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އުޅަނދުފަހަރުގެ ވެރިންނަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

މި މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގައިފިނަމަ ތިލަފުއްޓާއި ގުޅީފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާ މެދު ޢަމަލުކުރުމުގެ އުސޫލުގެ ދަށުން އުޅަނދުތަކާ މެދު ޢަމަލުކުރާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން ބުނީ ތިލަފުށި ހިއްކައި ތަރައްގީކުރުމުގެ މަޝްރޫއަކީ ވިޔަފާރިވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށެވެ.