އަބްދުއްރަހީމް އަބްދުﷲ

މަޖިލިސް ހިނގާނީ ރައީސް މުއިއްޒުގެ ފިޔަވަޅުގައި: އަބްދުއްރަހީމް

ވިހިވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅާއި ފިޔަވަޅު ހަމަކޮށް ހިނގާނެ މަޖިލީހަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ދެއްވި ފުރަތަމަ ބަޔާނުގައި އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލެވިގެންދަނީ ގައުމަށް މުހިންމު ދަނޑިވަޅެއްގައި ކަމަށެވެ.

ވިހިވަނަ މަޖިލީހުގެ މަސައްކަތްތައް ފެށިގެންދަނީ މުހިންމު އާ ސިޔާސަތުތަކާއެކު އިންގިލާބީ ހެޔޮ ބަދަލެއް ރާއްޖެއަށް ގެނެސް ދެއްވުމުގެ ވަރުގަދަ އަޒުމުގައި ރައީސް މުއިއްޒު މަގާމާއި ހަވާލުވެވަޑައިގެންނެވިތާ މަދު މަސްތަކެއްގެ ތެރޭގައިކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

"އެހެންކަމުން މި މަޖިލިސް ވެގެންދާނީ އެމަނިކުފާނުގެ މަސައްކަތްޕުޅާއި ފިޔަވަޅު ހަމަކޮށް ހިނގާނެ، ހިނގަންވާނެ މަޖިލީހަކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިއީ ގައުމެއްގެ ގޮތުގައި މުހިންމު ނިންމުންތަކެއް ނިންމަންޖެހިފައިވާ ދަނޑިވަޅެކެވެ.

މަޖިލީހުން ކުރަންޖެހޭ ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވި ކަންކަން

  • އިގުތިސާދުގެ އަސާސްތައް ފުޅާކުރުން.
  • އާ މަސައްކަތްތަކާއި ފަންނުތަކާއި ވިޔަފާރިތައް އުފަންކުރުން.
  • ފައިސާ އާއި މާލީ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުން.
  • އުމްރާނީ ތަރައްގީގެ އާ ހަރުފަތްތަކެއް ރާއްޖެއަށް ތައާރަފު ކުރުން.
  • އިޖުތިމާއީ ފޭރާން އަލުން ވިޔެ އާކުރުން.
  • މަސްތުވާތަކެތީގެ ވަބާއާ ވަރުގަދަ ހަނގުރާމައެއް ކުރުން.
  • ގަވާއިދާ ހިލާފަށް ބިދޭސީންގެ މައްސަލަ ހައްލުކުރުން.
  • ގާނޫނުގެ ވެރިކަން ނެގެހެއްޓުން.
  • ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން.
  • މަޖިލީހުގެ އަބުރާއި ކަރާމާތް ހިފެހެއްޓުން.

"މިއީ ހައްތަހާވެސް މި މަޖިލީހުގެ ތެރޭގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަޝްވަރާކޮށް، ބަހުސްކޮށް ސަރުކާރާއެކު މަސައްކަތްކޮށް ގޮތް ނިންމަންޖެހޭ ކަންކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އާ ގާނޫނުތައް ތައާރަފު ކުރަންޖެހޭ ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ގާނޫނުތައް އިސްލާހު ކުރަންޖެހޭ ކަމަށެވެ. އަދި "ވަގުތާއި ފައިހަމަނުވާ" ގާނޫނުތައް އުވާލަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މަޖިލީހުގައި ގައުމީ ބަހުސްތައް ހިނގާނެ ކަމަށާއި ތަފާތު ހިޔާލުތަކަށާއި ވިސްނުންތަކަށް ޖާގަ އޮންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެހެން ނަމަވެސް އެކަންކަން ހިނގަންވާނީ މަޖިލީހުގެ ކަރާމާތާއި ގަދަރު ހިފެހެއްޓޭ ގޮތަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.