ކްރިމިނަލް ކޯޓް

55 ރުފިޔާގެ ސެންޓު ފުޅިއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

އެންމެ 55 ރުފިޔާއަށްދޭ ފޮގް ސެންޓު ފުޅިއެއް ވަގަށް ނެގި މީހަކު 10 ދުވަހު ބަންދުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ 10 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރީ، ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އެވެ.

މި މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން ސެންޓު ފުޅިއެއް ނަގައި ފަޓުލޫނު ތެރެއަށް ޖަގައިގެން ދާން އުޅެނިކޮށް އޭނާގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ އެވެ.

އޭނާއަކީ އެސްޓީއޯއިން ކުރިންވެސް ވައްކަން ކޮށްފައިވާ މީހެއް ކަމަށް ބަންދު އަމުރު ރިޕޯޓުން އެނގެ އެވެ.

ސެންޓު ފުޅި ވަގަށް ނަގައިގެން ހައްޔަރު ކުރި މީހާއަކީ ކުށުގެ ވެށީގައި އުޅޭ މީހެއް ކަމަށް ބަންދު އަމުރު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.