ޓީ-ބިލް

ހަރަދުތައް ހަމަޖައްސަން ޓީބިލް ވިއްކަން ހުޅުވާލައިފި

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 1.6 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް -- ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 982 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 46 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ.

މީގެ އިތުރުން 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް 169 މިލިއަން ރުފިޔާގެ ޓީބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 489.6 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކަންވެސް ވަނީ ހުޅުވާލާފަ އެވެ.

ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.

ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.