ދުނިޔެ

އީރާންގެ ރިޔާސީ އިންތިހާބުގައި އަހްމަދީ ނިޖާދު ވާދަކުރައްވަނީ

އީރާންގައި މިހާރު ބޯމަތިވެފައި އޮތް ރިޔާސި އިންތިހާބުގައި އެ ގައުމުގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީ ނިޖާދު ވާދަކުރައްވަނީ އެވެ. އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އޭނާ މިހާރު ވަނީ އިލްކެޝަން ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ.

އީރާންގައި ރިޔާސީ އިންތިހާބެއް ބާއްވަން ނިންމާފައިވަނީ އެ މަގާމުގައި ހުންނެވި އިބްރާހީމް ރައީސީ، ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އަވަހާރަވުމާ ގުޅިގެންނެވެ. އިންތިހާބު އޮންނާނީ މި މަހު 28 ގައެވެ.

ރައީސްގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު މުޚްބީރު އެވެ. ރައީސްގެ މަސްއޫލިއްޔަތު އުފުއްލެވުމުގައި މުޚްބީރު ހުންނަވާނީ ރިޔާސީ އިންތިހާބު ނިމި، އާ ރައީސަކު ހުވާ ކުރައްވަންދެންނެވެ.

އަހުމަދީ ނިޖާދު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި ނަމަވެސް އޭނާއަށް ފުރުސަތު ލިބުން އޮންނާނީ އިލްމުވެރިންގެ ކޮމިޓީން ނިންމާ ގޮތަކުންނެވެ. އިންތިހާބުގައި ވާދަކުރެވޭ ކެންޑިޑޭޓުން ހޮވުން އޮންނާނީ މި މަހު 11 ވަނަ ދުވަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާންގެ ރައީސްގެ މަގާމަށް ވާދަކުރެއްވުމުގެ ފުރުސަތު އަހްމަދީ ނިޖާދަށް ލިބިވަޑައެއް ނުގަންނަވާނެ އެވެ.

އަހްމަދީ ނިޖާދު އީރާންގެ ރައީސްކަމަށް ފުރަތަމަ ވަޑައިގަތީ 2005 ވަނަ އަހަރެވެ. އަދި 2013 އާ ހަމައަށް ވެރިކަމުގައި ހުންނަވައި ވަނީ ދެ ދައުރު ފުރިހަމަ ކުރައްވާފަ އެވެ.

އެއަށް ފަހުވެސް ދެ ފަހަރެއްގެ މަތިން -- 2017 އަދި 2021 ގައި އިރާންގެ ރައީސް ކަމަށް އަހްމަދީ ނީޖާދު ވާދަކުރެއްވުމަށް ހުށަހެޅުއްވި އެވެ. ނަމަވެސް އަލީ ޚަމަނާއީގެ އަމުރަށް އިލްމުވެރިންގެ ކޮމިޓީން އޭނާއަށް ފުރުސަތު ނުދެއްވި އެވެ.

އަހްމަދީ ނިޖާދުގެ ވެރިކަމުގައި އަލީ ޚާމަނާއީއާ އެކު ހިޔާލު ތަފާތުުވުންތަކެއް ވަނީ އުފެދިފަ އެވެ. ޚާމަނާއީއަށް އިރާންގައި ލިބިގެންވާ ބާރުތަކާ ބެހޭ ގޮތުން އަހްމަދީ ނިޖާދު ވަނީ ސުވާލު އުފައްދާފަ އެވެ.

އީރާންގައި އަހްމަދީ ނިޖާދުގެ ވެރިކަމުގައި 2009 ގައި މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ. މިގޮތުން އުފެދުނު ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވެ އަދި އެތައް ބަޔަކު ހައްޔަރުވެސް ކުރި އެވެ.