ރައްޔިތުންގެ މަޖިލިސް

މައިކް ސިސްޓަމަށް މައްސަލައެއް ދިމާވެ ޖަލްސާ މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ މައިކް ސިސްޓަމަށް މައްސަލައެއް ދިމާވެ ޖަލްސާ މެދުކަނޑާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެޖެންޑާކޮށްފައިވަނީ 9:00 ގަ އެވެ. ނަމަވެސް މަޖިލީހުގެ މައިކް ސިސްޓަމަށް މައްސަލައެއް ދިމާވުމުން ޖަލްސާ ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ މައިކް ސިސްޓަމަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"މައިކް ސިސްޓަމަށް ދިމާވެގެން އުޅޭ މައްސަލަ ހައްލުކޮށްލަން ވަގުތުކޮޅެއް ބޭނުންވާ ކަމަށް ސެކެޓްރޭޓިއޭޓް ވިދާޅުވަނީ. އެހެންވީމާ އަޅުގަނޑުމެން މިހާރު މިހާހިސާބުން ޖަލްސާ މެދުކަނޑާލަނީ. ދެން ޖަލްސާ ފައްޓާނީ 9:45 ގަ." އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ނިމިގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް އަލުން ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށްފަ އެވެ.

މީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމުގެ މައްސަލަވެެސް އެޖެންޑާކޮށްފައިވެ އެވެ.