ދުނިޔެ

އެމެރިކާއިން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ދަތިކުރަނީ

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްޓަކައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއިން ބިލެއް ފާސްކޮށްފި އެވެ.

އައިސީސީއާ ދެކޮޅަށް ބިލެއް ފާސްކޮށްފައި މިވަނީ ވައިޓް ހައުސް އިން މިކަން ނުކުރަން އެދިފައި ވަނިކޮށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން އައިސީސީއަށް ދަތިކުރަން މަސައްކަތް ފަށާފައި މިވަނީ އިޒުރޭލުގެ ވެރިންނަކީ ހަނގުރާމައިގެ ކުށްވެރިން ކަމަށް ނިންމައި ދިނުމަށް އެ ކޯޓުގެ ޕްރޮސެކިއުޓަރު ކަރީމް ޚާން އެދިވަޑައިގެންފައި ވަނިކޮށެވެ.

ކަރީމް ޚާން އެދިވަޑައިގެންފައިވަނީ އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް އަކީވެސް ހަނގުރާމައިގެ ކުށްވެރިން ކަމަށް އައިސީސީން ނިންމައި ދިނުމަށެވެ.

ބިލްގައިވާ ގޮތުން އައިސީސީއަށް އެހީދޭ ފަރާތްތަކާއި މަސައްކަތްކުރާ ކޮންމެ މީހަކަށް ދަތިކުރުމާއި ވިސާ ދިނުން މަނާކުރެވޭނެ އެވެ. މި އަމުުރު ތަންފީޒުކުރުމަށްޓަކައި ދާއިރާތަކެއް ކަނޑައެޅުންވެސް މަޖިލީހަށް ލާޒިމްކޮށްފައިވެ އެވެ.

ވައިޓް ހައުސްއިން ބުނި ގޮތުން އިޒުރޭލުގެ ވެރިންނަކީ ކުށްވެރިން ކަމަށް ކަނޑައެޅުމަށް އައިސީސީން ނިންމި ނަމަވެސް އެ ކޯޓާ ދެކޮޅަށް ގަވާއިދުތަކެއް ފާސްކުރުމަކީ ހިތްވަރުދޭ ކަމެއް ނޫނެވެ.

ބިލެއް އަދި ގަރާރެއް ފާސްކުރުމަކާ ނުލާވެސް އެމެރިކާގެ ހައިސިއްޔަތު ދެމެހެއްޓޭނެ ކިތަންމެ ގޮތެއް ހުރި ކަމަށް ވައިޓް ހައުސްއިން ބުންޏެވެ.

އެމެރިކާގެ ޝައުގުވެރިކަމުގައި ހުރި ކަންކަން ހިމާޔަތްކުރުމަށް އައިސީސީއާ އެކު މަޝްވަރާކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށްވެސް ވައިޓް ހައުސްއިން ބުންޏެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން އައިސީސީއާ ދެކޮޅަށް ބިލެއް ފާސްކުރުމަކުން ބިލް ތަންފީޒުކުރާކަށް އެމެރިކާ ސަރުކާރަކަށް ނުޖެހެ އެވެ. ސަބަބަކީ އައިސީސީގެ އިހުތިސާސް އެމެރިކާއިން ބަލައި ނުގަންނާތީ އެވެ.

އައިސީސީ އިން ނެރޭ އަމުރުތައް ތަންފީޒުކުރުމަށް ގިނައީ އެމެރިކާގެ އެހީތެރި ކަމަށް ބޭނުންޖެހޭ ހާލަތްތަކެވެ.