ޑރ. މުހައްމަދު މުއިއްޒު

ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް ފަށައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިފުތިތާހުކޮށް ދެއްވައިފި އެވެ.

މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި، ދަޢުލަތުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ލޯގޯ އިފުތިތާހުކޮށްދެއްވާފަ އެވެ.