ހަބަރު

ލިސްޓީރިއޯސިސް ބަލި ޖައްސާ އާފަލު ރާއްޖެ އެތެރެވެފައިވޭތޯ ބަލަން ފަށައިފި

Jan 27, 2015

ލިސްޓީރިއޯސިސް ބަލި ޖައްސާ އާފަލު ރާއްޖެ އެތެރެވެފައިވޭތޯ ބަލަން ފަށައިފި އެވެ.

ފުޑް އެންޑް ޑްރަގު އޮތޯރިޓީން މިއަދު ނެރުނު ފުޑް އެލާޓެއްގައި ބުނަނީ ބަންދުކޮށްފައިވާ ހޯލް ކެރެމަލް އާފަލުން ލިސްޓީރިއޯސިސް ބަލި ފެތުރުމާ ގުޅިގެން އެމެރިކާގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަނާއި ސެންޓަ ފޯ ޑީޒީޒް ކޮންޓްރޯލް އެންޑް ޕރިވެންޝަނާއި ލޯކަލް އޮތޯރިޓީސްތަކުން އެކަން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

އަދި މިހާތަނަށް މި ބަލި ޖެހިފައިވާ ކަން ފާހަގަ ކުރެވިފައި ވަނީ ހެޕީ އެޕަލް، ކާނިވަލް އަދި މާބްސް އަދި ކެންޑީޒް ބްރޭންޑްގެ ކެރެމަލް އެޕަލް (އާފަލްގެ ބޭރުގައި ހަކުރުލައިގެން ތައްޔާރު ކުރާ ބާވަތެއް) ބޭނުން ކުރި މީހުންނަށް ކަމަށެވެ.

އެ އޮތޯރިޓީން ބުނީ އެ ބާވަތުގެ ކެރެމަލް އާފަލު އުފައްދަން ބޭނުންކޮށްފައި ވަނީ ކެލިފޯނިއާގެ ބިޑާޓް ބްރޯސް އޮފް ބޭކާސް ފީލްޑް ކުންފުނިން ސަޕްލައި ކުރި "ގްރެނީ ސްމިތް" އާއި "ގެލާ" ބާވަތުގެ އާފަލު ކަމަށައި   އެކުންފުނީގެ އާފަލު ބަންދު ކުރާ މަރުކަޒުން ނަގާފައިވާ ސާމްޕަލްތަކުން ލިސްޓޯރިއޯސިސް  ޖައްސާ ޖަރާސީމް  ފެނުމާ ގުޅިގެން އެ ދެ ވައްތަރުގެ އާފަލު ބާޒާރުން ނަގަން ފަށާފައިވާ ކަމަށެވެ.

އަދި ބުނީ އެ ކުންފުނިން ސީދާ އާފަލް ސަޕްލައިކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނުނު ނަމަވެސް އެ ބާވަތުގެ އާފަލު ރާއްޖެ އެތެރެކޮށްފައިވޭތޯ އެ އޮތޯރިޓީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަލަން ފަށާފައިވާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެފަދަ އުފެއްދުމެއް ރާއްޖެ އެތެރެވެފައި ނުވާ ކަމަށެވެ.

 

"ނަމަވެސް ރާއްޖެއަކީ ތަފާތު ގައުމުތަކުން އެކި ގައުމުތަކުގެ އުފެއްދުން އެތެރެ ކުރާ ގައުމަކަށްވެފައި މިވައްތަރުގެ އާފަލު އެތެރެވެފައި ނުވާކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް މިދަނީ ކުރަމުންނެވެ. އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް އެތެރެ ކުރާ މިބާވަތްތަކުގެ އާފަލަށް ވަކި ހާއްސަ ސަމާލު ކަމެއް ދީގެން ބަލާ ފާސް ކުރަމުންދާ ވާހަކަ ދެންނެވީމެވެ،" ފުޑް އެލާޓްގައި ބުނެއެވެ.