ރައްޔިތުންގެ މަޖިލިސް

މި ދައުރަށް ސަރުކާރުން 37 ބިލެއް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 37 ބިލެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ ރ. ގައި މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމާއެކު ސަރުކާރުގެ ފަރާތުން އެ ދައުރަކަށް ހުށަހަޅަން ހުރި ބިލުތަކުގެ ލިސްޓެއް ސަރުކާރުން މަޖިލީހުގެ ރައީސަށް ފޮނުވަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ހުރި ބިލްތަކުގެ ލިސްޓެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އެ ލިސްޓުގައި ޖުމްލަ 37 ބިލް ހިމަނުއްވާފައިވޭ. އެ ލިސްޓް އިއްޒަތްތެރި މެންބަރުންނާ މިއަދު ހިއްސާކުރާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލީހުގެ ވެބްސައިޓުގައި އެ ލިސްޓް އާންމުކުރައްވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުގެ ފަރާތުން 24 ބިލެއް ހުށަހެޅި އެވެ.