( 6 ޖޫން 2024 އާ ގުޅޭ )
"އަހަރެންނަށް ޕްރޮމިސް ކުރީމެންނު. މިރޭ އެއްކޮށް ގޭގައި މަޑުކުރާނަމޭ ބުނީ... ތީ އެއްވެސް އިތުބާރެއްނެތް މީހެއް. ދޮގުވެރިއެއް... އާން! ޔޫ އާ އަ ލަޔާ... އަހަރެންނަށްވުރެ އެހެން ހުރިހާކަމެއް އިޒީއަށް މުހިންމު. އަޅެ ބުނެބަލަ... އަހަރެން މީ ކާކުތަ؟. އިޒީއާ އަހަރެންނާ މިއޮތް ގުޅުމަށް ދޭނީ ކޮންނަމެއް؟. އަހަރެންގެ އެއްވެސް އަގެއް އެބައޮތްތަ؟." ސޫޒަންގެ ރުއިން ހައްތަހާވީ ބާރެވެ. މޫނުގައި ދެއަތް އަޅައި އޭނާ ގިސްލަމުން ދިޔަ އެވެ.
"ސޫޒީ." އިޒީކިއަލްގެ ހިތަށް އަސަރު ކުރި އެވެ.
"އެނގޭތަ މީހުން ކިޔާހާ އެއްޗެހި..." އިޒީކިއަލްގެ މެޔާ ދިމާލުން ގަމީހުގައި ހިފަހައްޓާލަމުން ސޫޒަން ބުނެލި އެވެ.
ކައިވެނި ނުކޮށް ސޫޒަން ގޮވައިގެން އިޒީކިއަލް އުޅޭއިރު އެކަން އެނގޭ މީހުން މަދެއް ނޫނެވެ. އިޒީކިއަލްގެ އޮފީހުގައި ވެސް އެ ވާހަކަ ދައުރުވާކަން ސޫޒަން ދެނަހުއްޓެވެ. ސޫޒަން ހާޞިލް ކުރާން އެދޭ އެންމެ ބޮޑު އެދުމަކީ ވެސް އިޒީކިއަލްއާ ކައިވެނި ކުރެވޭނޭ ދުވަހެކެވެ.
"ސޫޒީ." އިޒީކިއަލްއަށް ގޮވާލެވުނެވެ.
"ތި ދުލުން އަހަރެންނަށް ނުގޮވާ... އިޒީކިއަލް އަހަރެންދެކެ ލޯބިވާކަމާމެދު ވެސް ޝައްކު." ސޫޒަން ގިސްލަމުން ދެ ކަކޫ މައްޗަށް ތިރިވި އެވެ. އިންތިހާ ކަންބޮޑުވުމާއެކު އިޒީކިއަލް އަވަހަށް ތިރިވެލައި ސޫޒަންގެ ގައިގާ ހިފަހައްޓާލި އެވެ.
"އައި އޭމް ސޮރީ. މިވީ ދުވަސްތަކުގައި ސޫޒީއަށް ވަގުތު ނުދެވޭކަން އަހަރެންނަށް އެނގޭ. އެކަމަކު އަހަރެން ލޯބިނުވެޔޭ ނުބުނޭ." ސޫޒަންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ކޯތާފަތުންލާފައި ފައިބަމުން ދާ ކަރުނަތައް ފުހެދެމުން އިޒީކިއަލް ވާހަކަދެއްކި އެވެ.
"އަނތްބަކަށް ވުމުގެ ކުރީން އަހަރެން މަންމައަކަށް އިޒީ ހަދައިފި... އަހަރެން މަންމައަކަށް ވާން ބޭނުމެއްނޫން. އެހެންވިޔަސް އިޒީއަށް އެނގޭނެ. އަހަރެން އިޒީއަށް ޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވެދާނެކަން. އިޒީ ބުނީ ކޮންމެ ގޮތަކާ އަހަރެން ރުހިގެން ހުންނާނީ... އަހަރެން ލޯބިވާވަރު އެނގޭނެ. ދެން ކީއްވެ ތިހެން ތިހަދަނީ." ހިތުގައިޖެހިވާ މީހަކު ގިސްލާ ފަދައިން ސޫޒަން ރޮމުންދިޔަ އެވެ.
ބަހެއް ކިޔަން ނޭނގިފައި އިޒީކިއަލްއަށް އިނދެވުނީ އެވެ. އޭނާއަށް ސޫޒަންގެ ސޫރައިގެ ތެރެއިން ހީވީ މިޔާ ފެންނަމުން ދިޔަ ހެންނެވެ. ރޮމުން ގިސްލަމުން އޭނާގެ ގާތުގައި މިޔާ އާދޭސްކުރާ މަންޒަރެވެ. އިޒީކިއަލްގެ ހިތަށް ނުބައި ގޮތެއް ވެގެންދިޔަ އެވެ. އޭނާއަށް ލޯ މަރާލެވުނީ ބޭއިޚްތިޔާރުގަ އެވެ. ފެންނަ މަންޒަރު ބަލަން ބޭނުންނުވެފައި އިން ފަދައަކުންނެވެ.
"ނޫން... ނޫން... އަހަރެން ލޯބިވަނީ ސޫޒަންދެކެ. މިޔާއާ ހެދި ސޫޒަންގެ ހިތުގައި ޖެއްސެނީ. ލޯބިވާމިހެއްގެ ހިތުގައި ޖައްސައިގެން ނުވާނެ." ކައިރިކޮށްލެވިފައިވާ ދެ ބުމައަށް ދޫ ދެމުން އިޒީކިއަލް ލޯ ހުޅުވާލި އެވެ. އަމިއްލަ ނަފްސަށް އޭނާ ވިސްނައިދީ ގޮތެއް ނިންމީ އެވެ. ސޫޒަން ކައިރިކޮށްލުމާއެކު އިޒީކިއަލްގެ އަތްދަނޑި މައްޗަށް އުފުލާލައިގެން ކޮޅަށް ތެދުވެއްޖެ އެވެ. ސިހުމެއް ލިބުނު ފަދައިން އިޒީކިއަލްގެ ކޮނޑާއި ކަނދުރާގައި ސޫޒަން ހިފަހައްޓާލަމުން ނަޒަރު ސީދާކޮށްލި އެވެ. އެހިނދު ސޫޒަންގެ ނިތްކުރީގައި އިޒީކިއަލް ބޮސްދިނީ ނުހަނު ލޯތްބާއެކީ އެވެ.
"އައި އޭމް ސޯ ސޮރީ. ސޫޒީގެ ހިތުގައި ޖައްސާކަށްނޫން އަހަރެން އުޅުނީ. ޕްލީޒް. ނުރޮއެ ދެން ހުއްޓާލާ... ކިތަންމެ އާޖަންޓުވިޔަސް އަހަރެންނަށް ސޫޒަންއަށްވުރެ މުހިންމެއް ނުވާނެ އެއްވެސް ކަމެއް. އެހެންވީމަ ދެރަނުވޭ. އަހަރެން ސުޒީދެކެ ވަރަށް ލޯބިވޭ. ދުވަހަކުވެސް ސޫޒީއާ ވަތްކެއްނުވާނަން." ސޫޒަން ގޮވައިގެން އެނދާ ދިމާއަށް އަންނަމުން އިޒީކިއަލް ވާހަކަދެއްކި އެވެ.
"މުޅި އުމުރަށް އެކީގައި ހުންނާނަންތަ؟." ސޫޒަން އަހާލި އެވެ.
"ހޫމް. މުޅި އުމުރަށް ހުންނާނަން." ސޫޒަންގެ ނިތްކުރީގައި ތުންފަތް ޖައްސާލަމުން އިޒީކިއަލް ބުނެލި އެވެ.
* * * * *
ލޯ ހުޅުވާލެވުމާއެކު މާޔާގެ ނަޒަރު ހިންގަވާލެވުނީ އޮވެވުނީ މާޙައުލަށެވެ. އޭނާގެ ޚަބަރު ހުސްވީ ލިފްޓު ތެރޭގައި ތާށިވެފައި ވަނިކޮށެވެ. ހޮސްޕިޓަލަށް އޭނާ ގެނައީ ކާކުބާއޭ މާޔާގެ ހިތަށް އެރި އެވެ. އިމަޖެންސީ ހާލަތުގައި ގުޅަން ލިފްޓުގައި ހަރުކޮށްފައިވާ ނަންބަރު ކަރުދާސް ހުރީ ކޮންމެވެސް ބަޔަކު ހަލާކުކޮށްލާފައި ކަމަށްވާތީ އޭނާ ބޭނުންވިޔަސް ވެރިފަރާތާ ގުޅޭނޭ ގޮތެއް ނުވީ އެވެ. އެވަގުތު އޭނާގެ ހިތަށް އެންމެ ފުރަތަމަ އައި ނަމަކީ އިޒީކިއަލް އެވެ. ހާސްވެފައި ހުރެ އަވަހަށް އިޒީކިއަލްއަށް މާޔާ ގުޅި އެވެ. އެތައް ފަހަރަކު ގުޅުނުއިރު ވެސް އިޒީކިއަލް ފޯނުކޯލެއް ނުނެގި އެވެ.
"އެހީވާން އިޒީކިއަލް އަންނާނޭ ހީކުރެވުމަކީ ވެސް އަހަރެންގެ މޮޔަކަން. އެއްވެސް އިރަކު އަހަރެންނަކީ އޭނާއަށް މުހިންމު މިހެއްނޫން... އަހަރެންނަށް އަދިވެސް އިޒީކިއަލްގެ ގޮތް ދަސްނުވަނީތަ." ޚިޔާލުތަކާއެކު މާޔާގެ ހިތުގައި މަޑު ރިހުމެއް އުފެދެމުން އައެވެ.
އަވަސްފަރުވާދޭބައިގައި އޭނާ ބާއްވާފައި އޮތްއިރު އެތަނުގައި މީހަކު ފެންނާކަށް ނެތެވެ. ހޭލާ އޮންނަތާ އިރުކޮޅެއް ފާއިތުވީފަހުން ފެނުނީ މާޔާއަށް ފެނުނީ ހިލްމީ އައިތަނެވެ.
"މިޔާ. ކިހިނެއް މިހާރު؟." އެނދުގެ ފައިލާކޮޅުގައި މަޑުކޮށްލައިގެން ހުރެ ހިލްމީ އަހާލި އެވެ. މާޔާއަށް ލިބުނީ ހައިރާންކަމެވެ. ހިލްމީ ހުރީ ވިއްޔާ އޭގެ މާނައަކީ ކޮބާކަން މާޔާއަށް އެނގެ އެވެ.
"އިޒީކިއަލް ކޮބާ؟." މާޔާ އަހާލި އެވެ.
"ސަރ ބުނީ މިޔާ ދޫކޮށްލީމާ ގެއަށް ގެންގޮސްދޭން. ދެން ބުނި ދެ ދުވަސްވަރު ގޭގައި އަރާމުކޮށްލަން މަޑުކޮށްލާށޯ. ޑަކްޓަރު ބަލާފައި ހިނގައްޖެ. މައްސަލައެއް ނޫޅޭ ކަމަށް ބުނީ... ނަރުސް ކުދީން ބުނީ ހޭ އެރީމައި މިޔާ ދޫކޮށްލާނަމޭ." ހިލްމީ އޮޅުންފިލުވާލަ ދޭ ފަދައަކުން ބުންޏެވެ.
"ކާކު އަހަރެން މިތަނަކަށް ގެނައީ؟." މާޔާ އަހާލި އެވެ.
ކަންތައް ވީގޮތް ހިލްމީ ކިޔާދިނެވެ. އިޒީކިއަލްއަށް އައި ފޯނުކޯލާއެކީ މާޔާގެ ގާތަށް އޭނާ ފޮނުވީ ހިލްމީ އެވެ. މާޔާގެ ހުރިހާކަމެއް ބެލެހެއްޓުމަށް އިޒީކިއަލް ހަވާލު ކުރީ ހިލްމީއާ އެވެ. މާޔާގެ ހަޔާތުން މާޒީއަށް ދޫކޮށްލާފައިވާ ދުވަސްތަކުގެ މަތީން ހަނދާންވެގެން އައީ އެއްވެސް އިޚްތިޔާރަކާއި ނުލާ އެވެ.
"ޝުކުރިއްޔާ. އެކަމަކު ދެން ހިލްމީ ހުރުމުގެ ބޭނުމެއްނެތް. މިހާރު އަހަރެންނަކީ އިޒީކިއަލްއާ އެއްވެސް ގުޅުމެއް އޮތް މީހެއްނޫން. އަހަރެންގެ ކަންކަން ކޮށްދޭކަށް އޭނާއަކަށް ނުޖެހޭނެ. އަދި އަހަރެން ކަންތައް ކުރަންވީ ގޮތް ކިޔާދޭން އޭނާއަށް އޮތީ ކޮން ހައްޤެއް." މާޔާ ބުންޏެވެ.
"ގެއާ ހަމައަށް ގެންގޮސްދީފައި އަހަރެން ހިނގައިދާނަން. މިވަގުތު މިޔާއަށް އެހީތެރިވާނޭ މީހަކު ވެސް ނެތެންނު." ހިލްމީ ބުންޏެވެ.
"އިޒީކިއަލްގެ ހަމްދަރުދީއެއް، އޭނާގެ އެހީތެރިކަމެއް ބޭނުމެއްނޫން... ހިލްމީ ދޭ. އިޒީކިއަލް ކައިރީ ބުނޭ އަހަރެން ފޮނުވާލީމައޭ ހިލްމީ ދިޔައީ... ދަމުން ނަރުސް ކުއްޖަކަށް ގޮވާލަ ދޭތި." މާޔާ ބުންޏެވެ.
ދެ ޚިޔާލެއްގައި މާޔާއަށް ބަލަން ހިލްމީ ހުރެފައި ކުރިޔަށް ޖެހިލި އެވެ. އޭނާގެ ފަޓުލޫނު ޖީބުން ނެގި ފޯނު މާޔާއަށް ދިއްކޮށްލި އެވެ. ޚަބަރު ހުސްވެގެން ހޮސްޕިޓަލަށް މާޔާ ގެނައި މީހުންގެ ފަރާތުންކަން ފޯނު ލިބުނީ ހިލްމީ ބުނެލި އެވެ. މާޔާގެ އަތަށް ފޯނު އެރުމުން އޭނާ އަވަސްއަވަހަށް ފައިނާނަށް ގުޅާލި އެވެ. ހޮސްޕިޓަލުގައި އޮތްކަމުގެ ޚަބަރު އެކުވެރިޔާއާ ޚިއްޞާ ކުރި އެވެ.
"އަހަރެންނަށް އެހީތެރިވާނޭ މީހަކު އެބައާދޭ." ފޯނުކޯލު ނިންމާލާފައި ހިލްމީއަށް ބަލާލަމުން މާޔާ ބުންޏެވެ. އެހިސާބުން ހިލްމީއަށް ވެސް މަޑުކުރާކަށް ނުކެރުނެވެ. އޭނާ އެތަނުން ނުކުންނަން ހިނގައިގަތެވެ.
މާޔާއަށް ގުޅާފައި އޮތް އައިވީ ހުސްވުމުން ނަރުސް ކުއްޖަކު އެ ނައްޓާލަ ދިނެވެ. ދޫކޮށްލަން ހުރިހާކަމެއް ނިމިފައިކަން އޮތްކަން ނަރުސް ކުއްޖާ ބުނެލަމުން މާޔާގެ އެހީތެރިޔާ ކޮބާތޯ ސުވާލުކޮށްލި އެވެ. ފައިނާނަށް މާޔާ އޮތް އެނދު ފެނިގެން އެހިސާބަށް އާދެވުނީ އެވަގުތެވެ. އެހިނދުން ނަރުސްކުއްޖާއަށް ފައިނާނު ދައްކާލަމުން އެހީތެރިއަކީ އެއީ ކަމުގައި މާޔާ ބުނެލި އެވެ.
"ކިހިނެއް ހަދަންވީ؟." މާޔާގެ ވާހަކައިން ފައިނާނު އަވަސްއަވަހަށް ނަރުސްކުއްޖާއާ ކުރިމަތިލި އެވެ.
"ކައުންޓަރު ކައިރިޔަށް ދުރުވޭ." ނަރުސްކުއްޖާ ބުނެލި އެވެ.
"މި އަންނަނީ އިނގޭ." ނަރުސްކުއްޖާއާއެކު ހިނގައިގަތުމުގެ ކުރީން މާޔާއަށް ބަލާލާފައި ފައިނާނު ބުންޏެވެ. އެއާއެކު މާޔާ ހަމައެކަނި ބޯޖަހާލީ އެވެ.
ފައިނާނު އެނބުރި އައިއިރު މާޔާ އިނީ އެނދު އަރިމަތީ ތިރިއަށް ދެ ފައި ބާލައިގެން އިށީނދެ އެވެ. ދާން ތައްޔާރުވެގެން އިންހެންނެވެ. ފައިނާނު ފެނުމާއެކު ދާންވީތޯ ވެސް މާޔާ އަހާލައިފި އެވެ. ފައިނާނު އަތުގައި އޮތް ސިޓީއުރަ ދައްކާލަމުން ދާންވީއޭ ބުނެލި އެވެ. އަދި ދެ އެކުވެރީން އެކުގައި ހޮސްޕިޓަލުން ނުކުންނަން ތައްޔާރުވެލި އެވެ.
* * * * *
ފައިނާނު އައިސް އޭނާއާއި ޒާހިލް ދިރިއުޅުމަށް ޚާއްޞަކޮށްފައިވާ އެޕާޓްމެންޓަށް ވަނެވެ. އެބައިގައި ތިން ކޮޓަރިއާއި ތަނަވަސް ސިޓިންރޫމަކާއި ބަދިގެއެއް ހިމެނެ އެވެ. އެމީހުން ބޭނުންނަމަ ވަކި ދިރިއުޅުމެއް އުޅޭވޭނެ ގޮތް ހަމަޖެހިފައި ހުއްޓެވެ. އެހެންނަމަވެސް ޒާހިލްގެ މަންމައާއި ކާފަގެ އެދުމަކަށްވީ ކެއުމުގެ ވަގުތަކުގައި ޢާއިލާއެކު އެއް ސުފުރާގެ ދޮށުން އޭގެ ދެމަފިރިން ވެސް ފެނުމެވެ. އެމީހުންނާ ބައިވެރިވުމެވެ.
ސޯފާގައި ޒާހިލް އިންތަން ފެނުނެއް ކަމަކު އޭނާ ފެނުނު ކަމަށް ފައިނާނު ނުހެދި އެވެ. ފައިނާނު އައިސް ވަނީ އޭނާ ދިރިއުޅޭ ކޮޓަރިއަށެވެ. އެތަން ފެނި ސޯފާގައި އިން ޒާހިލް ދަތްކުނޑިވިކާލައިފި އެވެ.
"ވަދެގެން ދިޔައިރު އަހަރެން މިތާ އިންކަން ހަމަ ނޭނގޭތަ؟. މިގަޑީގައި އަހަރެން އައިސް މިއިނީ ކީއްވެތޯ އަހާލެވިދާނެ ދޯ." ރުޅިވެރިކަމާއެކު ދެ ބުމަ ގޮށްޖައިގެން އިނދެ ޒާހިލް ވާހަކަދެއްކި އެވެ. އަދި އޭނާ ތެދުވި ގޮތަށް އައިސް ފައިނާނުގެ ކޮޓަރީ ދޮރުގައި ތަޅައިގަތެވެ.
"މި ދޮރު ހުޅުވާ." ހަރުކަށިކަމާއެކު ޒާހިލް ހަޅޭލަވައިގަތެވެ.
"ކިހިނެއްވީ." ދޮރު ހުޅުވާލި ގޮތަށް ފައިނާނު އަހާލި އެވެ.
"މެންދުރު ކާން ދާންޖެހޭނެކަމެއް ނޭނގޭތަ؟." ޒާހިލް ބުންޏެވެ.
"ކުރީބައިގައި މަންމައަށް އަހަރެން ގުޅިން. ހެދުން ބަދަލުކޮށްލައިގެން މިދަނީއޭ ބުނިން. ޒާހިލް މަޑުތިކުރަނީ ކީއްކުރަން؟. އަހަރެންނާއެކީ ދާންތަ؟." ފައިނާނު ބުންޏެވެ. ޒާހިލްގެ ޠަބީޢަތް އިތުރަށް ގޯސްވީހެން އޭނާގެ މޫނުމަތިން ފާޅުވެލި އެވެ. އޭނާ އެއްޗެކޭ ބުނަންދެން ފައިނާނު މަޑެއް ނުކުރި އެވެ. އެނބުރި ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަން އުޅުނެވެ. ނަމަވެސް އެހިނދު ދޮރުފަތް ކުއްލިއަކަށް ހުޅުވިގެން ދިޔައީ ޒާހިލް ކޮޅުފައިން ޖެހިލެއް ބާރުކަމުންނެވެ. ފައިނާނު ވެސް ދިޔައީ ސިއްސައިގެންނެވެ.
"މަ އެބައުޅޭންތަ ކަލޭ ގޮވައިގެން ތަނަކަށް ދާހިތުން." ޒާހިލްގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލަ އެވެ.
"ދެން އެހެންވީރު ދާންވީނު." ފައިނާނު ބުނެލީ ފަރުވާކުޑަ ރާގެއްގަ އެވެ.
"ކަލޭ ނުފުއްޕައްޗޭ... ތިހެން މަގޭ ކުރިމަތީ އަނގަ ނުހުޅުވާތި. މި އަރާމު ދިރިއުޅުމުގައި ކަލެއަށް އުޅެވޭނީ ދުވަސްކޮޅަކު. ތި ދަރި ވިހޭމަ މި ކުޅިވަރެއް މަށެއް ނުކުޅޭނަން. އެ ދުވަސް އެއީ މި ކައިވެނީގެ އެންމެ ފަހު ދުވަސްކަން ހަނދާންކުރާތި." ފައިނާނުގެ އަތަށް ދަމައިގަނެ ތަދުކޮށްލަމުން ޒާހިލް ބުނެލި އެވެ. އަދި ހަރުފިޔަވަޅުތަކެއްގައި އޭނާ އެތަނުން ހިނގައްޖެ އެވެ.
ފިނި ނޭވާއެއް ދޫކޮށްލުމަށްފަހު ފައިނާނު ކޮޓަރިތެރެއަށް ވަނެވެ. ހެދުން ބަދަލުކުރުމުގެ ބަދަލުގައި އޭނާ އައިސް އެނދުގައި އިށީނެވެ. އަމިއްލަ ދިރިއުޅުމާމެދު އޭނާއަށް ވިސްނެނީ އެވެ. މަޑުމަޑުން ބަނޑުގައި އޭނާއަށް ފިރުމާލެވުނެވެ. މިހާރު އޭނާގެ ދިރިއުޅުން އޮތް ހިސާބު އެނގެ އެވެ. އޭނާ ކަންބޮޑުވަނީ ދަރިފުޅު ދުނިޔެއަށް އުފަންވުމުން އެ ކުއްޖާއަށް ލިބިދާނޭ ނިކަމެތިކަމެއް ހިތަށް އަރާފަ އެވެ. ތިމާ އުންމީދު ކުރާ ގޮތަށް ކަންކަން ނުވަނީ ކީއްވެބާއޭ ފައިނާނަށް އަމިއްލަ ޟަމީރާ ސުވާލުކޮށްލެވުނެވެ. ގައިމު ވެސް މިފަދަ ގޮތަކަށް ކައިވެނި ކުރުމަކީ އޭނާ އުންމީދު ކުރި ގޮތެއްނޫނެވެ. އަދި އެއީ ގަސްދުގައި އޭނާ ޒާހިލް ހާސިލު ކުރުމަށް ޓަކައި އަރައިގަތް ކުށެއް ވެސް ނޫނެވެ.
"ޕްރެގްވީމަ މައްސަލައަކީ. އެހެންނޫންނަމަ... މިއިން އެއްވެސް ކަމަކަށް އަހަރެން ކެތެއްނުކުރާނަން. އެކަމަކު މިހާރު ދެން ކުރެވޭނެކަމެއްނެތް. ނަމަނަމައޭ ކިޔަސް ހަޤީޤަތް ބަދަލެއް ނުކުރެވޭނެ." ފައިނާނަށް ބުނެވުނެވެ.
ކާމޭޒު ދޮށުގައި ޢާއިލާގެ ހުރިހާ މެންބަރުން ތިއްބެވެ. ފައިނާނު ފެނުމުން ތޫމާގެ ހިނިތުންވުން ފުޅާވެލި އެވެ. އަވަހަށް ކައިރީގައި ހުރި ގޮނޑި އޭނާ ފައިނާނަށް ދައްކާލައިފި އެވެ.
"އެންމެން ހަމަވީނު. ފަށަމާ." ތޫމާ ބުނެލި އެވެ.
ކާމޭޒުދޮށުގައި ވެސް ޒާހިލްއަށް ހިތްހަމަޖެހިލައިގެން ނީނދެވުނެވެ. ޢާއިލާގެ އެންމެން ފައިނާނަށް ދޭ ސަމާލުކަމާއި ބަހައްޓާ ގާތްކަން ފެނިފަ އެވެ. މަންމަ ހީވަނީ އުފަންދަރިއަކުދެކެ ލޯބިން އުޅޭހެންނެވެ. ޒާހިލްއަށް ބަލަން އުނދަގުލީ އެވެ. އޭނާއަށްވުރެ ފައިނާނުދެކެ ލޯބިން މަންމަ އުޅޭހެން ހީވާތީ އެވެ.
(ނުނިމޭ)