ރައްޔިތުންގެ މަޖިލިސް

އިޒްރޭލު ޕާސްޕޯޓް މަނާކުރަން ހުށަހެޅި ބިލް 241 ކޮމިޓީއަށް

އިޒްރޭލު ޕާސްޕޯޓް އޮންނަ މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ -- 241 ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

އިޒްރޭލުގެ ޕާސްޕޯޓާއެކު އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ރާއްޖެ އެތެރެވުން ހުއްޓުވުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓު ދެއްވި 88 މެންބަރުންގެ އިއްތިފާގުންނެވެ.

ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވުމުން ބިލް ދިރާސާކުރަން ފޮނުވާފައިވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ -- 241 ކޮމިޓީއަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި މި ބިލް ދިރާސާކުރަން 241 ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމާ ދެކޮޅު ހައްދަވާފަ އެވެ.

އެ ގޮތުން ބިލްގެ ބަހުސްގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ މި ބިލް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށްވެސް ފޮނުވޭނެކަން ފާހަގަކުރައްވާފަ އެވެ.