ދިވެހިރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުންގެ ތެރެއިން ފަހު ގުރޫޕް މިއަދު ފުރައިފި އެވެ.
ރާއްޖެއަށް މިއަހަރު ހައްޖު ކޯޓާގެ ގޮތުގައި ފުރަތަމަ ލިބުނީ 1،000 ކޯޓާ އެވެ. މީގެތެރޭގައި ހިމެނޭ ފަހު ގުރޫޕްގެ މީހުން މިމަހުގެ ހަތްވަނަ ދުވަހު ވަނީ ފުރާފަ އެވެ.
މިއަދު ފުރި 150 މީހުންނަކީ ކުރިން ލިބުނު 1،000 ކޯޓާގެ ފަހުން އިތުރަށް ލިބުނު ކޯޓާގައި ހިމެނުނު މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ދިއުމަށް ފުރަތަމަ ގުރޫޕް ފުރީ މިމަހުގެ ތިންވަނަ ދުވަހު އެވެ. އަދި ދެވަނަ ގުރޫޕް ފުރީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.
ސައުދި އަރަބިއްޔާގެ ސަރުކާރަށް ރާއްޖެއަށް މިއަހަރަށް ހަމަޖައްސައިދިން ހުރިހާ ކޯޓާއެއް ސަރުކާރުން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ފުރި މީހުންގެ ތެރޭގައި ހައްޖަށް ދިއުމުގެ މާލީ ތަނަވަސްކަން ނެތް 50 ފަގީރަކުވެސް ހިމެނެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.
ކަލަންޑަރަށް އައި ބަދަލަށްފަހު މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 15ވާ ހޮނިހިރު ދުވަހު އެވެ.