މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް ސިއްރުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހުގައި އެދުނީ މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު އެވެ. ޕީޖީން އެ މައްސަލަތައް ކޯޓަށް ހުށަހަޅާފައިވަނީ އޭޕްރީލް މަހު ފަހުކޮޅު އެވެ.
އެ މައްސަލަތަކުގެ އަޑު އެހުން މާދަމާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ނިންމާފައިވަނީ ހެނދުނު 10 ޖެހިއިރު އެވެ.
ކްރިމިނަލް ކޯޓުގެ ތާވަލްގައި އޮތް ގޮތުން މައްސަލަތައް ކުރިއަށް ގެންދާނީ ސިއްރު އަޑުއެހުންތަކުގެ ގޮތުގައެވެ.
އާއްމުކޮށް ސިއްރު އަޑުއެހުންތަކުގެ ގޮތުގައި ކުރިއަށް ގެންދަނީ ކުޑަކުދިން ހިމެނޭ މައްސަލަތަކާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތުތައް ހިމެނޭ މައްސަލަތަކެވެ. ރިޝްވަތުގެ މި މައްސަލަތައް ސިއްރުން ކުރިއަށް ގެންދަން ނިންމާފައިވަނީ ކީއްވެ ކަމެއް ނޭގެއެވެ.
މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މައުމޫން ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
މައުމޫންގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތެރެއިން ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ހަތް ދައުވާއަށް ޖުމުލަ އެއީ ގާތްގަނޑަކަށް 22 އަހަރާއި ތިން މަހުގެ މުއްދަތެކެވެ. މާނައަކީ ހުރިހާ މައްސަލައެއް ސާބިތުވެއްޖެ ނަމަ 22 އަހަރުގެ ހުކުމެއް މައުމޫންގެ މައްޗަށް އައުމުގެ ފުރުސަތު އެބައޮތެވެ.
އަބްދުﷲ މައުމޫނަށް މި ދައުވާތައް އުފުލިއިރު އޭނާ މިހާރު ދިރިއުޅެނީ ރާއްޖޭން ބޭރުގަ އެވެ.
އޭނާ ހައްޔަރުގައި ބަހައްޓައިގެން ޝަރީއަތަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ކޯޓުގައި އެދުމަށް ވެސް ޕީޖީން ނިންމާފައިވެ އެވެ. އަދި އެ އަމުރުގެ ދަށުން އިންޓަޕޯލް މެދުވެރިކޮށް މައުމޫން އަނބުރާ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.