ހިޔާނާތް

ސިއްރުން ގެންދަން ނިންމި މައުމޫންގެ މައްސަލަ ކުއްލިއަކަށް ކެންސަލް

ސިއްރު އަޑު އެހުމެއްގެ ގޮތުގައި ކުރިއަށް ގެންދަން ތާވަލުކޮށްފައި އޮތް މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ ޝަރީއަތްތަކުގެ އަޑު އެހުންތައް ކްރިމިނަލް ކޯޓުން ކުއްލިއަކަށް ކެންސަލްކޮށްފި އެވެ.

މައުމޫނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތުގެ ދައުވާގެ ހަތް އަޑުއެހުން ސިއްރު އަޑު އެހުންތަކެއްގެ ގޮތުގައި ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 10:00 ޖަހާއިރަށެވެ. އެހެންނަމަވެސް މިއަދު ހެނދުނު 8:00 ޖެހި ފަހުން، ކްރިމިނަލް ކޯޓުން އެކްސްގައި ޕޯސްޓް ކުރި އިސްލާހުކޮށްފައިވާ ކޯޓުގެ މިއަދުގެ ތާވަލުން، އެ ހަތް މައްސަލަ ވަނީ އުނިކޮށްފަ އެވެ.

މިއަދުގެ ތާވަލުން އެ މައްސަލަތައް އުނި ކުރި ސަބަބެއް ކޯޓުން ނުބުނެ އެވެ.

އާއްމުކޮށް ސިއްރު އަޑުއެހުންތަކުގެ ގޮތުގައި ކުރިއަށް ގެންދަނީ ކުޑަކުދިން ހިމެނޭ މައްސަލަތަކާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތުތައް ހިމެނޭ މައްސަލަތަކެވެ. ރިޝްވަތުގެ މި މައްސަލަތައް ސިއްރުން ކުރިއަށް ގެންދަން ނިންމާފައިވަނީ ކީއްވެ ކަމެއް ނޭނގެ އެވެ.

މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހުގައި އެދުނީ މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު އެވެ. ޕީޖީން އެ މައްސަލަތައް ކޯޓަށް ހުށަހަޅާފައިވަނީ އޭޕްރީލް މަހު ފަހުކޮޅު އެވެ. އަބްދުﷲ މައުމޫނަށް މި ދައުވާތައް އުފުލިއިރު އޭނާ މިހާރު ދިރިއުޅެނީ ރާއްޖޭން ބޭރުގަ އެވެ.

އޭނާ ހައްޔަރުގައި ބަހައްޓައިގެން ޝަރީއަތަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ކޯޓުގައި އެދުމަށް ވެސް ޕީޖީން ނިންމާފައިވެ އެވެ. އަދި އެ އަމުރުގެ ދަށުން އިންޓަޕޯލް މެދުވެރިކޮށް މައުމޫން އަނބުރާ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މައުމޫން ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

މައުމޫންގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތެރެއިން ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ހަތް ދައުވާއަށް ޖުމުލަ އެއީ ގާތްގަނޑަކަށް 22 އަހަރާއި ތިން މަހުގެ މުއްދަތެކެވެ. މާނައަކީ ހުރިހާ މައްސަލައެއް ސާބިތުވެއްޖެ ނަމަ 22 އަހަރުގެ ހުކުމެއް މައުމޫންގެ މައްޗަށް އައުމުގެ ފުރުސަތު އެބައޮތެވެ