ރައީސް އޮފީސް

ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ ވެރިޔާ، ސާޖިދާއާ ބައްދަލުކުރައްވައިފި

ޔުނިސެފް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓެޓިވް ޑރ. އެޑްވަޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި މިއަދު ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ ކުޑަކުދިންގެ ތަރައްގީއަށް ބޭނުންވާ އެކިއެކި ކަންކަމުގައި ޔުނިސެފުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާފަ އެވެ.

ޑރ. އެޑްވަޑްގެ ވާހަކަފުޅުގައި ރައީސްގެ އަނބިކަނބަލުން ޔުނިސެފްގެ ކަންކަމަށް ދެއްވާ އަހައްމިޔަތާއި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވި އެވެ. މީގެ އިތުރުން ޔުނިސެފްގެ ނިއުޓްރިޝަން ޕްރޮގްރާމުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފައިވާތީ އެކަން ފާހަގަކުރައްވައި، އިޖުތިމާއީ ހިދުމަތްތަކަށާއި އިގްތިސާދީ އިސްލާހީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފް ކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ޑރ. އެޑްވަޑް ވަނީ މިދިޔަ ނޮވެންބަރ 24 ވަނަ ދުވަހު ބޭއްވި "ވާލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން"ގެ ޑިޖިޓަލް ކޮޕީއެއް ރައީސްގެ އަނބިކަނބަލުންނަށް ހަދިޔާކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަމާއި އެކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެކުދިންގެ ތަރައްގީއާ ގުޅޭ އިޖުތިމާއީ އެކިއެކި މައްސަލަތަކާ ގުޅޭގޮތުންނެވެ.