ސާޖިދާ މުހައްމަދު

ބޭނުންކުރަން ނުޖެހޭ ބޭސްތައް ބޭނުންކުރުމަކީ ނުރައްކަލެއް: ސާޖިދާ

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރަން ނުޖެހޭ ބޭސްތައް ބޭނުންކުރުމަކީ އެކަމުގެ ނުރައްކާ ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާނެ ކަމެއް ކަމަށާއި އެކަމުގެ ނުރައްކާ މުސްތަގުބަލަށް އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ނެޝަނަލް އެކްޝަން ޕްލޭން އޮން އެންޓިމައިކްރޯބިއަލް ރިސިސްޓެންސް އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ބޭހަށް ނުގުޑާ ޖަރާސީމުގެ ނުރައްކާ އޮތުމުން އެކަމާ ގުޅޭ ޕްލޭނެއް މިއަދު އިފްތިތާހް ކުރިއިރު މިމައްސަލައިގައި ވަރަށް ދުރަށް ވިސްނަންޖެހޭ ކަމަށެެވެ.

މިވަގުތު އޮތް އާންމު ވިސްނުމަކީ ބޭހަށް ނުގުޑާ ޖަރާސީމުގެ ނުރައްކާ އޮތީ ހަމައެކަނި ހޮސްޕިޓަލްތަކާއި ކްލިނިކްތަކާ ހިސާބުގައި ކަމަށް ބަލައިގެން ކުރާ ކަމެއް ކުރުން ކަމަށް މެޑަމް ވިދާޅުވި އެވެ. އެކަމަކު އެއަށް ވުރެ ދުރަށް ވިސްނަންޖެހޭކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ ޖަރާސީމުތަކާއި ދެކޮޅަށް ބޭނުންކުރާ އެކިބާވަތުގެ ބޭސްތައް ނަހަމަ ގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރެވޭނަމަ އެކަމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ. އޭރުން ކާބޯތަކެތީގެ ނިޒާމާއި ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް ނޭދެވޭ އަސަރުތައް ކުރިމަތިވާނެ ކަމުގައި ވިދާޅުވި އެވެ.

"އެހެންކަމުން އެއް އަމާޒަކަށް ދިއުމަށް މިއެކްޝަން ޕްލޭން އެހީތެރިވެދޭނެ ކަމަށް އުއްމީދުކުރަން،" އެކަމަނާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ ބޭހަށް ނުގުޑާ ބަލިތަކާ ގުޅޭ ކަންކަން ހައްލުކުރުމަށް ސިއްހީ ދާއިރާ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ސިއްހީ ދާއިރާގެ ބޭފުޅުންގެ އެކަނި މަސައްކަތުން ހައްލުކުރެވޭ ވަރަށް ބޮޑު މައްސަލައެއް ކަމުގައި ވިދާޅުވި އެެވެ.

"އެހެންކަމުން ސިއްހީ ދާއިރާއާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިޖުތިމާއީ އެހީތެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތައް ހިމެނޭހެން ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވޭ،" ސާޖިދާ ވިދާޅުވި އެވެ.

ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ ބޭހަށް ނުގުޑާ ޖަރާސީމުގެ ނުރައްކަލަކީ ތަރައްގީއަށް ކުރާ ހުރިހާ ކަމެއްގައި އަދި އިގްތިސާދީ މަސައްކަތްތަކަށްވެސް ނޭދެވޭ އަސަރުކުރުވާނެ މައްސަލައެއް ކަމަށެވެ. ރާއްޖެ ކަހަލަ އުފެއްދުންތެރިކަން ކުޑަ ގައުމަކަށް ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ މައްސަލައަށް ހައްލު ހޯދަން ދަތިވާނެ ކަމަށްވެސް ވިދާޅުވި އެވެ.