ހަބަރު

2356 ދަރިވަރުންނާއެކު އޭލެވެލްގެ ކިޔެވުން ފަށައިފި

ރާއްޖޭގެ 60 ސްކޫލެއްގައި މި އަހަރަށް އަލަށް އޭލެވެލްއަށް ގުޅޭ ދަރިވަރުންގެ ކިޔެވުން ފަށައިފި އެވެ. މިއަދު އޭލެވެލަށް އަލަށް ގުޅިފައިވަނީ 2356 ކުދިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސަރުކާރާއި އަމިއްލަ ސްކޫލްތައް ހިމެނޭ ގޮތަށް މިއަދު 60 ސްކޫލެއްގައި އޭ ލެވެލްގެ ކިޔެވުން ފެށިފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ މިއަދު އަލަށް 11 އަށް ވަތް ކުދިންނާއެކު މިހާރު ސްކޫލްތަކުގައި އޭ ލެވެލްގެ ތިން ބެޗް ކިޔަވަމުންދާނެ ކަމަށެވެ. ތިން ބެޗް އެއްކޮށް މުޅި ޖުމްލަ 6623 ކުދިން މިހާރު މަތީ ސާނަވީ ތައުލީމް ހާސިލުކުރަމުންދާ ކަމަށެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި އަހަރު އަލަށް ދެ ސްކޫލެއްގައި އޭ ލެވެލް ވަނީ ފަށާފަ އެވެ. އެއީ އދ. ފެންފުށި ސްކޫލާއި ހއ. ކެލާ މަދަރުސަތުލް ޝެއިހް އިހްރާމްގަ އެވެ. މިއަދު އަލަށް މަތީ ސާނަވީ ތައުލީމް ފެށި ކުދިންގެ އިމްތިހާން އޮންނާނީ އޮކްޓޯބަރު އަދި ނޮވެމްބަރުގަ އެވެ.

އޭ ލެވެލް ބީޓެކް ވެސް އައްޑޫ ހައި ސްކޫލްގައި މިއަދު ވަނީ ފަށާފަ އެވެ. އެ ޕްރޮގްރާމަށް 35 ކުދިން ގުޅިފައިވެ އެވެ.

މިނިސްޓްރީން ބުނީ، ޖާގައިގެ ދަތިކަން އޮތީ އެންމެ ސްކޫލަކަށް ކަމަށެވެ. އެއީ ސީއެޗްއެސްއީ އެވެ. ދެ ބެޗަށް ކިޔައިވައިދޭ ގޮތަށް އިމާރަތްކޮށްފައިވާ ސްކޫލެއް ކަމުން އިތުރު ބެޗަކަށް އެ ސްކޫލްގައި ޖާގައެއް ނެތް ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. އަލަށް އެ ސްކޫލްގެ އޭ ލެވެލްއާ ގުޅުން ކުދިން ވަގުތީ ގޮތުން ތައުލީމް ހާސިލުކުރަމުން ދަނީ ދަރުމަވަންތަ ސްކޫލް އިމާރާތުގަ އެވެ.

ސްކޫލުތަކުގައި މީގެ ކުރިން އޭ ލެވެލް ފަށަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހު އެވެ. އެގޮތަށް އޮތުމުން ގްރޭޑް 10 ނިންމުމަށްފަހު އޭ ލެވެލް އަށް ކިޔަވަން ފެށުމާއި ދެމެދު ހައެއްކަ މަސް ބޭކާރު ގޮތުގައި ހޭދަކުރަން ޖެހެ އެވެ. އެއީ 10 ނިންމާއިރު ދަސްވެފައި ހުންނަ ފިލާވަޅުތައް ހަނދާންނެތި ކުދިންގެ ކިޔެވުމަށް އެޅޭ ހުރަހެއް ކަމަށް ގިނަ ބެލެނިވެރިން ދެކެ އެވެ. އަދި އެއީ ކިޔެވުމަށްފަހު ޔުނިވަސިޓީއަށް ވަންނަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ލިބުން ލަސްވާ ސަބަބެއް ކަމަށްވެސް ގިނަ ކިޔަވާކުދިން ދެކެއެވެ.