ހަބަރު

ބްރިޖުގެ މަސައްކަތަށް 8500 ޓަނުގެ ސާމާނު ގެނެސްފި

މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތަށް 8500 ޓަނުގެ ސާމާނު ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިޝަލެއް އަވަސް އަށް ވިދާޅުވީ ބްރިޖު އެޅުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު މިއަދު ގެނެސްފައިވާ ކަމަށާއި އަދި އެތަކެތި ކްލިއާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޑްރެޖިންއަށް ބޭނުންވާ ސާމާނާއި ހެވީ ވެހިކަލްތަކާއި އެކީ 8500 ޓަނުގެ ސާމާނު ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިއަދު އައި ސާމާނުތަކުގެ ތެރެއިން އެކްސްކަވޭޓާތަކާއި ޑްރެޖިން އަށް ބޭނުންވާ ހޮޅިތަކާއި އެއްޗެހި ހިމެނޭ. އަދި ބައިވެރު މެޝިނަރީތަކުގެ އިތުރުން 15 ވަރަކަށް ޑަމްބް ޓްރަކްސް ވެސް ގެނެސް އެބަހުރި. މިހާރު އަންނަނީ ކުރަމުން އަންނަނީ ކްލިއާ ކުރުމުގެ މަސައްކަތްތައް،" އޮފިޝަލް ވިދާޅުވި އެވެ.

ބްރިޖު އަޅަން ގިނަ އަދަދެއްގެ ސާމާނު މިއަދު ގެނެސްފައިވާއިރު ބްރިޖުގެ ތަނބުތައް ޖަހަން ފެށުމަށް ބޭނުންވާ ބޮޑެތި ހެވީ މެޝިނަރީތައް ހިފައިގެން އައި ބޯޓް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ރާއްޖެ އައިސްފަ އެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ބްރިޖުގެ ސާމާނުތައް ކްލިއާ ކުރަން ފަސޭހަ ވާނެ ހާއްސަ ނިޒާމެއް ގާއިމްކޮށްފައިވާނެ ކަމަށެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުމުގެ މަސައްކަތް ކުރާ ސާމާނުތައް ބެހެއްޓުމަށާއި ވޯކިން ސައިޓު ހެދުމަށް އެމަސައްކަތް ކުރާ ސީސީސީސީ ކުންފުންޏަށް ސަރުކާރުން ވަނީ އަޑިޕާކު ސަރަހައްދާއި އުސްފަސްގަނޑުގެ ބައެއް ވެސް ދީފަ އެވެ.