ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ އަހަރުގެ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބަހަށް ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ އިއްޔެ އެވެ.
މި އަދަދު ފާސްކުރުމާމެދު ގޮތެއް ނިންމާނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނެވެ. ހިއްސާގެ ފައިދާ ބަހާނީ އަހަރީ އާންމު ޖަލްސާއިން ފާސްވުމަށްފަހު އެވެ.
އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2022 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 18.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10 ޕަސެންޓް ދަށްވުމެކެވެ.
މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއެކު އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގުވެސް ދަށްކުރުން ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެހެންނަމަވެސް ފާއިތުވި އަހަރު އެސްޓީއޯ އިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވުމާއިއެކު އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަނގަޅުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައިވަނީ ތިން ބިލިއަން ރުފިޔާ ލިބިފަ އެވެ.
އެސްޓީއޯގެ ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާވެސް މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އެސްޓީއޯ އިން ހާސިލުކޮށްފައިވެ އެވެ. 2022 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ.