ހަބަރު

ޖުޑިޝަލް ޓްރެއިނިން ސެންޓަރު އުވާލައިފި

ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުން ތަމްރީނު ކުރުމަށް ވިލިމާލޭގައި ގާއިމުކޮށްފައިވާ ޖުޑިޝަލް ޓްރެއިނިން ސެންޓަރު އުވާލަން ނިންމައިފިއެވެ. އެ ސެންޓަރުން އުވާލަން ނިންމީ ޖުޑިޝަލް އެކަޑަމީއެއް އުފައްދާފައިވާތީ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މި މަހުގެ 8 ވަނަ ދުވަހު ފެށިގެން ޖުޑިޝިއަލް ޓްރެއިނިން ސެންޓަރު އުވޭނެ އެވެ. ސެންޓަރު އުވިގެންދާއިރު، ހަ މަގާމެއް ވެސް އުވޭނެ ކަމަށް ޑީޖޭއޭއިން ބުނެ އެވެ. އެއީ، އެސިސްޓެންޓް ޑިރެކްޓަރުންގެ ދެ މަގާމާއި ކޮމްޕިއުޓާ ޓެކްނީޝަންގެ އެއް މަގާމާއި އެޑްމިނިސްޓްރޭޝަން އޮފިސާގެ ތިން މަގާމެކެވެ.

މިދިޔަ އަހަރު ސުޕްރީމް ކޯޓުން އުފެއްދި ޖުޑިޝަލް އެކަޑަމީގެ ސަބަބުން ޖުޑިޝަލް ޓްރެއިނިން ސެންޓަރު އުވާލާފައިވާއިރު، ޝަރުއީ ދާއިރާގައި މިހާރު ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދަނީ ޖުޑިޝަލް އެކަޑަމީގަ އެވެ.