އަބްދުﷲ ޖިހާދު

ރަށުގެ އެކައުންޓްތަކުން 166 މިލިއަން ރުފިޔާ ނަޝީދުގެ ސަރުކާރުން ނެގި: ޖިހާދު

  • އެ ފައިސާ ރައްޔިތުންނާ ހަވާލު ކޮށްދޭނެ
  • ފައިސާ ދޭން ފަސޭހަވާނީ ޓްރަސްޓް އެކައުންޓް ހެދުމުން
  • ފައިސާ ވަރަށް އަވަހާ ޖަމާ ކުރަން ފަށާނެ

އަތޮޅުތަކުގެ ކައުންސިލްތަކުގެ އެކައުންޓުތަކުން 166 މިލިއަން ރުފިޔާ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ބޭނުންކޮށްފައި ހުރި ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި އެވެ.

ޖިހާދު މިހެން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ފަސް އަހަރު ފުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު ކޮންމެ ރަށަކަށް ދަތުރު ކުރެއްވިޔަސް ކައުންސިލްތަކުން ބަޖެޓާއި ފައިސާގެ ވާހަކަ އައްސަވާ ކަމަށާއި އެގޮތުން ވަރަށް ގިނަ ފަހަރަށް ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުރި ރައްޔިތުންގެ ފައިސާތަކަށް ކޮބައިތޯ އައްސަވާ ކަމަށެވެ.

ޖިހާދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ސަރުކާރާއި ހަވާލުވެ ވަޑައިގެންނެވި އިރު އަތޮޅުތަކުގެ ގިނަ އެކައުންޓުތަކުން ލާރި ނުނެގޭ ގޮތައް ފްރީޒް ވެފައި ހުރި ކަމަށާއި އެހެން އެކަންވީ އޭގެ ކުރީގެ ސަރުކާރުން އެފައިސާތައް ބޭނުންކޮށްފައި ހުރުމުން ކަމަށެވެ.

"ވަކި ސަރުކާރެއް ދަންނަވާކަށް ބޭނުމެއް ނޫން. އެކަމަކު ގާތްގަނޑަކަށް 166 މިލިއަން ރުފިޔާ ވަރު މިއެކައުންޓުތަކުން ބޭނުންކޮށްފައި. އެހެންނަމަވެސް މިހާރު މިސަރުކާރުން ވަނީ ވަރަށް ބޮޑު އަދަދެއް އެކައުންޓުތަކަށް ޖަމާކޮށްދީފައި. އަދި ކުރިޔަށް އޮތްތާގައި ދެން ބާކި ހުރި ބައިތައް ވެސް ރައްޔިތުންނަށް ލިބިވަޑައިގަންނަވާނެ،" ޖިހާދު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ގޮތުގައި މި ފައިސާތައް ކައުންސިލްތަކަށް އަނބުރާ ދިނުމަށް ސަރުކާރަށް ފަސޭހަ ވާނީ ކޮންމެ ފަރާތަކުވެސް ޓްރަސްޓު އެކައުންޓެއް ހުޅުވުމުން ނެވެ. އެގޮތުން ބަޖެޓު އެކައުންޓުގެ އިތުރުން ޓްރަސްޓު އެކައުންޓެއް ހުޅުވުމަށް ވަރަށް ބޮޑަށް އިލްތިމާސް ކުރާ ކަމަށާއި އަދި ފިނޭންސް މިނިސްޓްރީ އިން ދޫކުރަން ޖެހޭ ލާރި ވީހާވެސް އަވަހަށް ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.