އަބްދުﷲ ޖިހާދު

ކުރީގެ ނައިބް ރައީސް ޖިހާދަށް ކުރާ ދައުވާގެ ޝަރީއަތް ކެންސަލްކޮށްފި

ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާއި ގުޅިގެން މިއަދު ބާއްވަން އޮތް ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދުގެ އަޑުއެހުން ފެށުމަށް ތާވަލްކޮށްފައި އޮތީ މެންދުރުފަހު 1:30 ގައެވެ.

ކްރިމިނަލް ކޯޓުން ބުނީ މިއަދުގެ އަޑުއެހުން ކެންސަލް ކުރީ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު މި މައްސަލަ އިތުރަށް ދިރާސާކޮށްލުމަށް ވަގުތުކޮޅެއް ބޭނުންވާތީ ކަމަށެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ އެވެ.

ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޖެނުއަރީ 18، 2013 ގައެވެ.

ފުށިދިއްގަރު ފަޅު ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.