އަބްދުﷲ ޖިހާދު

ފުށިދިއްގަރުފަޅާ ގުޅުވައިގެން ޖިހާދަށް ދައުވާ ނުކުރެވޭނެ: ކޯޓު

ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައި އޮތް ފުށިދިއްގަރާފަޅާ ގުޅޭ ދައުވާ އަކީ ޖިހާދުގެ މައްޗަށް އުފުލޭނެ ދައުވާއެއް ނޫން ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ އެވެ.

ފުށިދިއްގަރު ފަޅު ތަރައްގީކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖެނުއަރީ 18، 2013 ގައެވެ. ޖޮއިންޓް ވެންޗާ ކުންފުނީގައި ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 ޕަސެންޓް ކަމަށް އެއްބަސްވުމުގައިވެ އެވެ.

ފުށިދިއްގަރު ފަޅު ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ މިމައްސަލައިގެ ތަހުގީގު މަރުހަލާގައި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އަދި މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމީ މަދަނީ މިންގަނޑުން މައްސަލަ ބެލުމަށްފަހު ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ)ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން މީގެކުރިން އިތުރު ދައުވާއެއްވެސް އުފުލި އެވެ. އެއީ އެމަނިކުފާނު ކުރިން ނައިބް ރައީސްގެ މަގާމުގައި ހުންނެވިއިރު އެ މަގާމުގެ ހައިސިއްޔަތުން ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސައިދީފައިވާ ރެހެންދި ފްލެޓް ހުސްނުކުރުމުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާ އެކެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އެމަނިކުފާނުގެ މައްޗަށް އޭރު ކޮށްފައިވާ ދައުވާއަކީ ފެބްރުއަރީ 17، 2020 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ދޫކޮށްފައިވާ ދެ އެޕާޓްމަންޓް ހުސްނުކޮށް ބޭނުންކުުރުމުގެ ދައުވާ އެވެ. އެހެންކަމުން ޖިހާދު އެތަނުގައި ދިރިއުޅުނު ދުވަސްތަކުގެ ކުއްޔާއި މެއިންޓެނެންސް ފީ އަދި ޔޫޓިލިޓީ ފީގެ ގޮތުގައި ދައްކަން ޖެހޭ 1,109,227.36 ރުފިޔާ އެއް ފަހަރާ ދައުލަތަށް ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުލަތުން އެދިފައިވެ އެވެ. ނަމަވެސް ދައުލަތުން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މިދައުވާ އަނބުރާ ގެންގޮސްފަ އެވެ.