އަބްދުﷲ ޖިހާދު

ޖިހާދުގެ މައްސަލަ އަލުން ހައިކޯޓަށް ހުށަހަޅައިފި

ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވާ ތަނެއް ނޭނގޭތީ މައްސަލައިގެ ޗިޓު ރައްދު ނުކުރެވިގެން، ދައުލަތުން ކޮށްފައިވާ އިސްތިއުނާފު މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައި ވަނިކޮށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެ މައްސަލަ އަލުން ހައިކޯޓަށް ހުށަހަޅައިފި އެވެ.

މިއީ ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައި އޮތް ފުށިދިއްގަރުފަޅާ ގުޅޭ ޖިނާއީ ދައުވާ އެކެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ އެވެ.

މި ދައުވާއަކީ އަކީ ޖިހާދުގެ މައްޗަށް އުފުލޭނެ ދައުވާއެއް ނޫން ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކޮށް މައްސަލަ ކުރިއަށް ގެންދަން ބެލިއިރު، ޖިހާދު ދިރިއުޅުއްވާ ތަނެއް ނޭނގޭތީ ޖިހާދުއަށް މައްސަލައިގެ ޗިޓު ހާޒިރު ނުކުރެވިގެން ހައިކޯޓުން މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލީ، މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ. އެކަމަކު ދައުލަތުން މިމައްސަލަ އަލުން ހައިކޯޓަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ޖިހާދު އުޅޭ އެޑްރެސް ކަމަށް ބުނެ ދައުލަތުން ކުރިން ހައިކޯޓަށް ހުށަހެޅި މައްސަލައިގައިވާ އެޑްރެހަށް ކޯޓުން ޗިޓް ފޮނުވުމުން ޖިހާދު އެގޭގައި ދިރިއުޅުއްވަމުން ނުގެންދަވާ ކަމަށް ބުނުމުން ހައިކޯޓުން އޭރު މައްސަލަ ބޭރުކޮށްލީ އެވެ. ނަމަވެސް އެ ވަގުތު ޖިހާދު އުޅުއްވަމުން ގެންދެވީ ރާއްޖެއިން ބޭރުގައި ކަމަށްވެ އެވެ. މީގެ ދެތިން ދުވަހެއް ކުރިން ޖިހާދު ރާއްޖެ ވަޑައިގަތުމާ އެކު ހައިކޯޓަށް މައްސަލަ އަލުން ހުށަހަޅާފައިވަނީ އޭނާ ރާއްޖެ ވަޑައިގެން ހުންނެވިކަން އެނގޭ ލިޔުންތަކާ އެކު އެވެ.

ޖިހާދަ ދައުވާކުރާ މައްސަލައިގައި ދަށު ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ މައްސަލައިގެ ތަހުގީގު މަރުހަލާގައި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އަދި ދަށު ކޯޓުން މައްސަލަ ކުރިއަށް ނުގެންދަން ނިންމީ މަދަނީ މިންގަނޑުން މައްސަލަ ބެލުމަށްފަހު ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖެނުއަރީ 18، 2013 ގައެވެ. ޖޮއިންޓް ވެންޗާ ކުންފުނީގައި ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 ޕަސެންޓް ކަމަށް އެއްބަސްވުމުގައިވެ އެވެ.

ފުށިދިއްގަރުފަޅު ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަންގެ މަގާމުގައި މިވަގުތުވެސް ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން މީގެކުރިން އިތުރު ދައުވާއެއްވެސް އުފުލި އެވެ. އެއީ އެމަނިކުފާނު ކުރިން ނައިބް ރައީސްގެ މަގާމުގައި ހުންނެވިއިރު އެ މަގާމުގެ ހައިސިއްޔަތުން ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސައިދީފައި ހުރި ރެހެންދި ފްލެޓް ހުސްނުކުރުމުގެ މައްސަލައިގައި އުފުލި ދައުވާ އެކެވެ.

ބަންޑާރަނައިބުގެ އޮފީހުން ޖިހާދުގެ މައްޗަށް އޭރު ކޮށްފައިވާ ދައުވާއަކީ ފެބްރުއަރީ 17، 2020 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ދޫކޮށްފައިވާ ދެ އެޕާޓްމަންޓް ހުސްނުކޮށް ބޭނުންކުރުމުގެ ދައުވާ އެވެ. އެހެންކަމުން ޖިހާދު އެތަނުގައި ދިރިއުޅުނު ދުވަސްތަކުގެ ކުއްޔާއި މެއިންޓަނަންސް ފީ އަދި ޔޫޓިލިޓީ ފީގެ ގޮތުގައި ދައްކަން ޖެހޭ 1,109,227.36 ރުފިޔާ އެއް ފަހަރާ ދައުލަތަށް ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުލަތުން އޭރު އެދިފައިވެ އެވެ. ނަމަވެސް ދައުލަތުން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މިދައުވާ އަނބުރާ ގެންގޮސްފަ އެވެ.