ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ދަށު ކޯޓުން ނެރުނު އަމުރު ގާނޫނު އަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ޖިހާދުގެ މައްޗަށް އުފުލައިފައި ވަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމުގެ ދައުވާ އެވެ.
މި މައްސަލަ ކުރިއަށް ދަނިކޮށް އެމަނިކުފާނު ބޭސްފަރުވާއަށް ބޭރަށް ދިއުމުގެ ހުއްދައަށް އެދިވަޑައިގަތް ނަމަވެސް ދައުލަތުގެ އެދުމަށް ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު ބޭރަށް ފުރުން މަނާކޮށްފަ އެވެ. އެމައްސަލަ ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އެކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްފަ އެވެ. ފަހުން ދައުލަތުން އެމައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ނަމަވެސް އެކޯޓުން ފުރަތަމަ ނެރުނީ މައްސަލަ ނިމެންދެން ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ވަގުތީ އަމުރެކެވެ.
މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޖިހާދު ފުރުން މަނާކޮށް ދަށު ކޯޓުން ނެރުނު އަމުރު ގާނޫނާ ހިލާފު ކަމަށެވެ. އަދި ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓީ ފިއްލަވާފާނެ ކަމަށް ބެލެވޭތީ ކަމަށް ކޯޓުން ބުނި ނަމަވެސް ކޯޓުން އެކަމަށް ދެއްކި ހުއްޖަތް ރަނގަޅު ނޫން ކަމަށެވެ.
ޖިހާދަކީ 2003 ވަނަ އަހަރުން ފެށިގެން ހަކުރު ބައްޔަށް ބޭސް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އަދި ވަރަށް ގިނައިން ދުބާއީއަށް ވަޑައިގެން އެ ބައްޔާ ގުޅޭ ތަފާތު ޓެސްޓްތައް ހައްދަވައެވެ. މީގެ ކުރިން ކަރުގެ ސީރިއަސް މައްސަލަތަކެއްވެސް ޖިހާދަށް ކުރިމަތިވެވަޑައިގެންފައެވެ. ޖިހާދުގެ ފަރާތްޕުޅުން ވަނީ ހުރިހާ މެޑިކަލް ސެޓިފިކެޓްތަކެއްވެސް ކޯޓަށް ހުށައަޅާފައެވެ.
ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ، ޖިހާދަށް ނުދޭން ކޯޓުން ހުކުމްކުރީ ބޭރަށް ވަޑައިގަތުމަށް ޓިކެޓް ނަންގަވާ އަދި ހޮޓަލަށް ފައިސާވެސް ދައްކާފައިވަނިކޮށެވެ. 35 އަހަރު ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ޖިހާދު ވަނީ ތިން ފަހަރެއްގެ މަތިން ވަޒީރުކަން ކުރައްވާފައެވެ. ރައީސް ޔާމީންގެ ނާއިބް ރައީސެއްގެ ގޮތުގައިވެސް ހުންނެވި ޖިހާދަކީ ތައުލީމީ ދާއިރާގެވެސް ހިދުމަތްތެރިއެކެވެ.