ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ، ކުރީގެ ނާއިބް ރައީސް އަބްދުﷲ ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލުކުރުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށައަޅައިފި އެވެ.
ގަވަރުނަރު ކަމާއި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އަބްދުﷲ ޖިހާދުގެ މައްޗަށް، ކ. ފުށިދިއްގަރުފަޅު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން އޭރުގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމަށް ތުހުމަތުކޮށް ދައުވާ ވަަނީ އުފުލާފައެވެ. ފުށިދިއްގަރު ފަޅު ތަރައްޤީ ކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޖެނުވަރީ 18، 2013 ގައެވެ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް ސޮއިކޮށްފައި ވަނީ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައެވެ.
ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް ޖިހާދު އެދިވަޑައިގަތުމުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަޑުއެހުމެއް ބާއްވާފައެވެ. ނަމަަވެސް އެ އަޑުއެހުމުގައި އެ ފުރުސަތު ދިނުމަށް ދައުލަތުން ވަނީ އިންކާރު ކޮށްފައެވެ. ސަަބަބެއް ކަމަށް ބުނެފައިވަނީ ބޭރަށް ވަޑައިގެން ޖިހާދު ފިއްލަވާފާނެ ކަމަށެވެ. ދައުލަތުން އެދުނު ގޮތަށް ފަނޑިޔާރުވެސް ނިންމެވީ ޖިހާދަށް އެ ފުރުސަތު ނުދެއްވުމަށެވެ.
އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ އަޑުއެހުންތަކަށް ފަހު މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ދަށު ކޯޓްގެ ނިންމުން ގޯސް ކަމަށެވެ. އެ ނިންމުމުގައި ޖިހާދު ފިއްލަވާފާނެ ކަމަށް ބުނެފައިވީނަމަވެސް ހުށައަޅާފައިވާ ހެއްކަކީ އޭނާ ރާއްޖެއިން ފިއްލަވައިގެން ދާން އުޅޭ ކަމުގެ ހެއްކެއް ނޫން ކަމަށެވެ.
ދަށު ކޯޓްގެ ނިންމުން ހައިކޯޓުން ބާތިލުކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފުކުރީ އެ މައްސަލަ ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހޭތީ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ގެ އޮފީހުން ބުންޏެވެ.
ޖިހާދަކީ 2003 ވަނަ އަހަރުން ފެށިގެން ހަކުރު ބައްޔަށް ބޭސް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އަދި ވަރަށް ގިނައިން ދުބާއީއަށް ވަޑައިގެން އެ ބައްޔާ ގުޅޭ ތަފާތު ޓެސްޓްތައް ހައްދަވައެވެ. މީގެ ކުރިން ކަރުގެ ސީރިއަސް މައްސަލަތަކެއްވެސް ޖިހާދަށް ކުރިމަތިވެވަޑައިގެންފައެވެ. ޖިހާދުގެ ފަރާތްޕުޅުން ވަނީ ހުރިހާ މެޑިކަލް ސެޓިފިކެޓްތަކެއްވެސް ކޯޓަށް ހުށައަޅާފައެވެ.
ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ، ޖިހާދަށް ނުދޭން ކޯޓުން ހުކުމްކުރީ ބޭރަށް ވަޑައިގަތުމަށް ޓިކެޓް ނަންގަވާ އަދި ހޮޓަލަށް ފައިސާވެސް ދައްކާފައިވަނިކޮށެވެ. 35 އަހަރު ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ޖިހާދު ވަނީ ތިން ފަހަރެއްގެ މަތިން ވަޒީރުކަން ކުރައްވާފައެވެ. ރައީސް ޔާމީންގެ ނާއިބް ރައީސެއްގެ ގޮތުގައިވެސް ހުންނެވި ޖިހާދަކީ ތައުލީމީ ދާއިރާގެވެސް ހިދުމަތްތެރިއެކެވެ.