ހަބަރު

ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރުކޮށްފައި ވަނީ އޭނާ ރާއްޖެއިން ބޭރަށް ދިއުމަށް ހައިކޯޓުން ހުއްދަ ދިން މައްސަލަ ނިމެންދެންނެވެ.

ޖިހާދުގެ މައްޗަށް އުފުލައިފައި ވަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމުގެ ދައުވާ އެވެ.

މި މައްސަލަ ކުރިއަށް ދަނިކޮށް އެމަނިކުފާނު ބޭސްފަރުވާއަށް ބޭރަށް ދިއުމުގެ ހުއްދައަށް އެދިވަޑައިގަތް ނަމަވެސް ދައުލަތުގެ އެދުމަށް ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު ބޭރަށް ފުރުން މަނާކޮށްފަ އެވެ. އެމައްސަލަ ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އެކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްފަ އެވެ. ފަހުން ދައުލަތުން އެމައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުޮށްފަ އެވެ.

އެހެންކަމުން އެކޯޓުން ވަނީ މަސައްކަލަ ނިމެންދެން ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ. މި މައްސަލަ މިރޭ ފަށާނެ ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.