އަބްދުﷲ ޖިހާދު

އަދީބުގެ ހެކިބަހާ ނުލައި ވެސް މައްސަލަ ސާބިތުކުރެވޭނެ: ދައުލަތް

Sep 21, 2021
2

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމުގައި ހުންނަވައިގެން ކ. ފުށިދިއްގަރުފަޅުގައި ހިންގި މަޝްރޫއަކާއި ގުޅިގެން އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ހެކިބަހާ ނުލައިވެސް ސާބިތުކުރެވޭނެ ކަމަށް ދައުލަތުގެ ފަރާތުން ބުނެފި އެވެ.

ޖިހާދުގެ މައްޗަށް އުފުލައިފައި ވަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމުގެ ދައުވާ އެވެ. ޝަރީއަތުގައި ދައުވާ އިއްވުމުން މީގެ ކުރިން ޖިހާދު ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ޖިހާދުގެ ފަރާތްޕުޅުން ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ދައުލަތުން ޖަވާބުދާރީވުމެވެ.

ޖިހާދުގެ ހުށަހެޅުންތަކުގެ ތެރޭގައި ފުށިދިއްގަރު ފަޅުގެ މަޝްރޫއުގެ މަރުހަލާތަކުގައި އެންމެ އިސްކޮށް އުޅުއްވި އަދީބުގެ މައްޗަށް ދައުވާ ނުކޮށް އެހެން މީހެއް މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. އެ އެއްބަސްވުން ޑްރާޕްޓް ކުރުމުގައި ވެސް އަދީބު އުޅުއްވި ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

މިކަމުގެ ރައްދު ދައުލަތުގެ ފަރާތުން ދެއްވާފައިވަނީ މިސާލަކުންނެވެ. އެގޮތުން މީހަކު މަރާ މީހަކު ފިހާރައަކުން ގަންނަ ވަޅި ވިއްކާ މީހާ ވެސް އެ ހާލަތުގައި ކުށްވެރިވާނެ ކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ. މިއީ ވެސް އެފަދަ ހާލަތެއް ކަމަށް ފާހަގަކުރެއްވި އެވެ. އަދި މި މައްސަލައިގައި އަދީބުގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށާއި އަދީބުގެ ހެކި ބަހަށް ބާރު ލިބޭ އިތުރު ހެކިތައް ވެސް ލިބިފައިވާ ކަމަށެވެ.

"މި މައްސަލައަކީ އަހުމަދު އަދީބު އަބްދުލްގަފޫރްގެ ހެކިބަހާ ނުލައި ކިތާބީ ހެކިތަކަށް ރިއާޔަތްކޮށްގެން ވެސް ސާބިތުކުރެވޭނެ މައްސަލައެއް،" ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ޖިހާދުގެ ފަރާތްޕުޅުން ދެން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް ނިންމާފައި ވަނިކޮށް އަލުން އެސެޓް ރިކަވަރީ ކޮމިޝަނުން މި މައްސަލަ ތަހުގީގުކޮށްފައި ވަނީ އެފަދަ ކަންކަމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި މައްސަލައެއް އަލުން ތަހުގީގު ކުރަން އަންގާނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށާއި އެކަމަކު ޖިހާދުގެ މައްސަލަ އަލުން ތަހުގީގު ކުރީ ބަންޑާރަނައިބް އޮފީހުން އަންގައިގެން ކަމަށް ފާހަގަކުރެއްވި އެވެ.

އޭރުގެ ބަންޑަނައިބް އަހްމަދު އަނިލް މި މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް ޖިހާދުގެ ގާނޫނީ ވަކީލް މުހުތާޒް މުހުސިން ވަނީ ތުހުމަތުކުރައްވާފަ އެވެ.

މިކަމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވެފައި ވަނީ ދައުލަތުގެ އިދާރާއަކުން މައްސަލައެއްްގައި ކޮރަޕްޝަން އަމަލެއް ހިންގާފައި ނުވާ ކަމަށް ނިންމި ނަމަވެސް އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައި އޮތްކަން ބަންޑާރަނައިބަށް ފެނިއްޖެ ހާލަތުގައި މައްސަލަ އަލުން ބަލަން އެންގޭނެ ކަމަށެވެ. އެއީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް، ފަހުން އެކުލަވައިލި ގާނޫނުލްއުގޫބާތުގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ނުވާތީ އެ ގާނޫނުގެ ދަށުން ދައުވާ ނުއުފުލޭނެ ކަމަށްވެސް ޖިހާދު ވަނީ ހުށަހަޅާފަ އެވެ.

މި ނުކުތާއަށް ޖަވާބު ދެއްވަމުން ދައުލަތުގެ ފަރާތުން ބުނެފައި ވަނީ ކުށުގެ ހާދިސާ ހިނގިއިރު އެ ގާނޫނު އުވާލާފައި ނުވާ ކަމަށެވެ. އެހެންކަމުން އެގާނޫނުގެ ދަށުން ދައުވާ ނުކުރެވޭނެ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރަން ފޮނުވުމުގެ ކުރިން ރައީސްގެ ލަފާ ހޯދާފައިވާކަން ފާހަގަކޮށް، އެހެން މައްސަލަތަކުގައި ދައުލަތުން އެގޮތަށް އަމަލު ނުކުރާ ކަމަށް ވެސް ދިފާއުން ވަނީ ފާހަގަކޮށްފަ އެވެ. މިކަމާ ގުޅިގެން ދައުލަތުން ބުނެފައި ވަނީ މިއީ އެސެޓް ރިކަވަރީ ކޮމިޝަން އެކަނި ތަހުގީގުކުރި ފުރަތަމަ މައްސަލަ ކަމަށެވެ. އެހެން މައްސަލަތައް ނިންމާފައި ވަނީ ޖޮއިންޓް ކޮމިޝަނަކުން ކަމަށާއި އެ މައްސަލަތަކާ މި މައްސަލައާ އަޅާ ނުކިޔޭނެ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތައް އެއްސެވުމަށްފަހު ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ދެން އޮންނާނީ މި ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުން ކަމަށެވެ. ޝަރީއަތުން އިތުރު ކަމެއް ސާފުކުރަން ބޭނުންނަމަ އޭގެ ކުރިން އިތުރު އަޑުއެހުމެއް ބޭއްވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވި އެވެ.