ހަބަރު

ޖިހާދު ދައުވާއަށް އިންކާރު ކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމުގައި ހުންނަވައިގެން ކ. ފުށިދިއްގަރުފަޅުގައި ހިންގި މަޝްރޫއަކާއި ގުޅިގެން އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް މިއަދު އިންކާރުކުރައްވައިފި އެވެ.

ޖިހާދުގެ މައްޗަށް އުފުލައިފައި ވަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދައުވާއަށް އިންކާރުކުރައްވައި ދިފާއީ ހެކިން ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. އެހެންކަމުން ކޯޓުން އެމަނިކުފާނަށް ވަނީ ތިން ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ހުށަހަޅާ ހެކިތަކުގެ ނަންތައް ވެސް ވަނީ އިއުލާނުކޮށްފަ އެވެ. ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، ވަޒީރުންގެ މަޖިލީހުގެ ބައެއް ލިޔުންތަކުގެ އިތުރުން އިތުރު ބައެއް ފަރާތްތައް ހިމެނެ އެވެ.

ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޖެނުވަރީ 18، 2013 ގައެވެ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް ސޮއިކޮށްފައި ވަނީ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައެވެ.