އަބްދުﷲ ޖިހާދު

ޖިހާދަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ކުރީގެ ނައިބު ރައީސް އަބްދުالله ޖިހާދުގެ މަގާމުގެ ދައުރު ހަމަވުމުންވެސް އެމަނިކުފާނު އޭރުގައި އުޅުއްވި ރެހެންދި ފްލެޓް ހުސްނުކުރުމުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ 1.1 މިލިއަން ރުފިޔާގެ ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހާ ހަމައަށްވެސް ވެސް ސަރުކާރުން ދޫކޮށްފައިވާ ދެ އެޕާޓްމެންޓް ހުސްނުކޮށް ބޭނުންކުުރުމުގެ ދައުވާ އެވެ.

އެހެންކަމުން ޖިހާދު އެތަނުގައި ދިރިއުޅުނު ދުވަސްތަކުގެ ކުއްޔާއި މެއިންޓެނެންސް ފީ އަދި ޔޫޓިލިޓީ ފީގެ ގޮތުގައި ދައްކަން ޖެހޭ 1,109,227.36 ރުފިޔާ އެއް ފަހަރާ ދައުލަތަށް ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުލަތުން އެދުނެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު ކޯޓު އަމުރުގައިވަނީ ޖިހާދަށް ކޮށްފައިވާ ދައުވާ ފޯމް ބާތިލް ކުރަން ބަންޑާރަ ނައިބުގެ އޮފީހުން މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެދިފައިވާ ކަމަށެވެ. އަދި މިކަމުގައި ދައުވާ އުފުލަން ނުފެންނަ ކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ވަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި އޭނާ ހުންނަވައިގެން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާވެސް ކުރިން އުފުލާފަ އެވެ.