( 18 ޖޫން 2024 އާ ގުޅޭ )
"ސޫޒީ ގެއަށް ލާފައި ހިލްމީ އަހަރެންނަށް ގުޅާލައްޗޭ." ސޫޒަން ކާރަށް އަރައި ހަމަޖެހުމުން ޑްރައިވަރު ސީޓުގައި އިން ހިލްމީއަށް އިޒީކިއަލް ބުނެލި އެވެ. އޭނާ ލައްބައޭ ބުނެލުމުން އިޒީކިއަލް ކާރުގެ ފަހަތު ދޮރުފަތް ލައްޕާލައި އެވެ.
ހިލްމީ ކާރުގައި ނައްޓާލަންދެން ބަލަން ހުރެފައި އިޒީކިއަލް ނެގީ ފޯނެވެ. އަދި އޭނާ ވަގުތުން ޒާހިލްއަށް ގުޅައިފި އެވެ. އޭނާ ކޮބާތޯއާއި އަންނަނީ ކޮންއިރަކުންތޯ އޮޅުންފިލުވި އެވެ.
އަވަސްކުރާން ބޭނުންވިޔަސް ކާރު ޕާކުކޮށްލާނޭ ތަންކޮޅެއް ނުލިބިގެން ޒާހިލް ހުރީ ރުޅިގަދަވެފަ އެވެ. ސައިފުލްއާއެކީ ނައީ އޭނާ އަބަދުމެ ހުންނަނީ ޒާހިލްގެ ކަންކަމަށް ފާރަވެރިވެ ކަމަށްވާތީ އެވެ. ފައިނާނާ ދެކޮޅަށް ކަމެއް ކުރާން އުޅޭކަން އެނގިއްޖެނަމަ އެ ޚަބަރު ހޫނުކަމާއެކު ކާފަގެ ކަންފަތާ ހަމައަށް ފޯރާނެކަމީ ޒާހިލަށް ޔަގީންވާ ކަމެކެވެ.
"ކޮބާ އެމީހުން؟." އޭޑީކޭ ހޮސްޕިޓަލުގެ ގޯތިތެރޭ މަޑުކޮށްލައިގެން ހުރި އިޒީކިއަލްއާ އަރާ ހަމަކުރަމުން ޒާހިލް އަހާލި އެވެ.
"އެތާ މާތީގަ." ރެސްޓޯރެންޓަށް އިޝާރާތް ކުރަމުން އިޒީކިއަލް ބުންޏެވެ.
ފުޑްކޯނަރގެ މަތީބަޔަށް އިޒީކިއަލްއާއެކީ ޒާހިލް އެރި އެވެ. ބޮޑެތި ފުޅާ ބިއްލޫރި ކުޑަދޮރުތަކާ ދިމާގައި ހަތަރު މީހުންނަށް އިށީނދެވޭނެހެން ހުރި މޭޒެއްގެ ދޮށުގައި ފައިނާނާއި މާޔާ ތިބިތަން އެމީހުން ދުށްޓެވެ. އެބަޔަށް އަރަން ހުރި ސިޑިއާ ދިމާއަށް ފުރުގަސް ދީގެން ތިބުމުން އެ މީހުންނަށް އިޒީކިއަލްއާއި ޒާހިލްއެއް ނުފެނެ އެވެ.
"ފިރިހެނުން ހިތި އަންހެނަކީ... މީހާ އިންހާލު އޭނާއަށް ނުވިސްނޭ. އަދިވެސް ފިރިހެނުން ފަހަތުން ދުވަނީ." ޒާހިލްއަށް ބުނެވުނެވެ. އޭނާގެ އެ ކުށް ހީ ރަނގަޅުކޮށްލަދޭން އިޒީކިއަލް ހިތަށް ވެސް ނާރަ އެވެ. މޭޒުދޮށުގައި އެ މީހުން ތިބެ ދައްކާ ވާހަކަ އަޑު އިވޭހާ ކައިރިޔަށް ދެ ޒުވާނުން އައެވެ. ނަމަވެސް އިޒީކިއަލް ހުރީ ތަންކޮޅެއް ފަހަތުގަ އެވެ. ބޭނުންވީ ޒާހިލް ލައްވާ އިސްނަގުވާށެވެ. އޭނާ ޒާހިލް ގެނުވީ ވެސް އެ ގަސްދުގަ އެވެ.
"ޔާމީން ކަހަލަ މީހަކު ފިރިއަކަށް ހޯދަންވީ. އެކަމަކު ދެން އެ ޗާންސް އަހަރެންނަށް ގެއްލިފައި މިހުރީ. މިޔާ... މީ ރަނގަޅު ފުރުޞަތެއް. ސެޓުކުރަންވީނު." ދައްކަމުން ދިޔަ ވާހަކައެއްގެ ތެރެއިން ފައިނާނު ބުންޏެވެ.
"ސާބަސް ނާނުއަށް." މޭޒު ދަށުން ފައިނާނުގެ ފައިގައި ފައިން ޖަހަމުން މާޔާ ބުންޏެވެ.
"ކީއްތަވީ. މިޔާ ވެސް ތިހެން ހުސްކޮށް ހުންނާނީ ކިހާ ދުވަހަކު. ދެ މީހުން ސިންގަލްވުމުގެ އިތުރުން ކުރީގެ ކުލާސް މޭޓަކާ ގުޅުމަކުން ނެތެއްނު މައްސަލައެއް. ޔާމީން ކީކޭ ބުނަނީ." ފައިނާނު ބުންޏެވެ. ހަޤީޤަތުގައި ވެސް ފައިނާނު ދުށުމަށް އެދޭ ކަމަކަށް މާޔާ ދިރިއުޅުމެއް ފެށުންވެ އެވެ. ފައިނާނުގެ ނަޒަރުގައި ޔާމީނަކީ މާޔާއާ އެކަށީގެންވާ ފަދަ އަޚްލާޤު ރަނގަޅު ތަޢުލީމީ ޒުވާނެކެވެ. އަނެއްކޮޅުން ސުކޫލު ދުވަސްވަރުން ފެށިގެން ޔާމީނަށް މާޔާ ކަމުދާކަން ފައިނާނަށް އެނގެ އެވެ.
"ތިކަމުގައި އަހަރެންގެ ޚިޔާލަކަށްވުރެ މިޔާ ބޭނުންވާ ގޮތެއް މުހިންމީ." ޔާމީން ބުންޏެވެ.
"އަހަރެން... ތީ އަހަރެން..." މާޔާއަށް ވާހަކަދައްކަން އުނދަގޫވި އެވެ. އޭނާ ބުނާން އުޅުނު އެއްޗެއް ފުރިހަމަ ނުކުރެވެނީސް މޭޒު ކައިރިޔަށް އައިސް ހުއްޓިލީ ޒާހިލް އެވެ.
"އިންނާނެ މީހުން ހޯދައިދެމުން ތި ދުވަނީ ތިމާއާ ނުބެހޭކަމެއް ވެސް ނޯވޭތަ؟. ރޯމާދުވާލު އެވެސް ބަނޑުބޮޑުކަން އެނގިހުރެ ފިރިހެނުންނަށް ތުއިދައްކަމުން ދުވާއިރު ފައިނާނު ކަލޭގެ ލަދެއް އެބަހުރިތަ؟. ނޫނޭވާ ކަލޭހާ ކުޅަދާނަ އަންހެނަކު ނުދެކެން. ތީ ބޮޑުވަރެއް." ޒާހިލް ބުންޏެވެ. އޭނާ ބޭނުންވިޔަސް ހަޅޭލަވައިގަންނާކަށް ނުކެރުނެވެ. ވަށައިގެންވާ މޭޒުތަކުގައި މީހުން ތިބީމަ އެވެ. ސަމާލުކަން ހުއްޓޭއިރު ހުއްޓޭނީ ހަމައެކަނި އޭނާއަށް ނޫންކަން ޒާހިލަށް ވެސް އެނގެ އެވެ. ކައިރީގައި ހުރި އިޒީކިއަލްއަށް ވެސް އެކަމުގެ އަސަރުކުރާނޭކަން ވިސްނޭތީ އެވެ.
"ހީވަނީ ވަރަށް ބޮޑު އޮޅުމެއް އަރައިގެންހެން ތިއުޅެނީ." ޔާމީން ބުންޏެވެ.
"ޔާމީން. އަޅާލާނެކަމެއްނެތް." ފައިނާނު ވަގުތުން ބުންޏެވެ.
"ތެދުވޭ ތިތަނުން. ހަމަމިހާރު އަހަރެންނާއެކީ ހިނގާ." ޒާހިލް ހިފާލީ ފައިނާނުގެ ހިކަނދިމަސްގަނޑުގަ އެވެ. އޭނާ ހިފާލިލެއް ބާރުކަމުން ފައިނާނުގެ އަނގައިން ވޭނީ އާހެއް ނުކުތެވެ. އެމަންޒަރު ބަލަން ޔާމީނަކަށް ނީނދެވުނެވެ.
"އަނިޔާ ނުކުރޭ. އެއީ އަންހެނެއްގެ އިތުރުން އޭނީ ދަރިއަކަށް ބަލިވެ." ހަނދާންކޮށްދޭ ފަދައަކުން ޔާމީން ބުންޏެވެ.
"އަހަރެން މިވާހަކަދައްކަނީ އަހަރެންގެ އަންހެނުންނާ. ދެމަފިރިން ދޭތެރެއަށް ވަންނަން ތީކާކު؟. އަންހެނަކު ފެންނައިރަށް ވަރެއްވެފަ ދޯ ތިހުންނަނީ." ޔާމީނަށް ބަލާލަމުން ޒާހިލް ބުނެލީ ރުޅިވެރިކަމާއެކީ އެވެ.
"ހުރިހާ ފިރިހެނުންނަކީ ޒާހިލް ކަމައްތަ ހީކުރަނީ؟. ބަލަ އަހަރެމެންނަކީ އެއްކޮށް ކިޔަވަން އުޅުނު ކުލާސްމޭޓްސް. އަންހެނަކު ފެނިގެން ހޭބަލިވެގެންނެއް އޭނާ ނޫޅޭ." ގޮނޑިން ތެދުވަމުން ފައިނާނު ވެސް ވާހަކަދެއްކީ ނުރުހިފަ އެވެ.
"އަހަރެންގެ ރުޅިގަނޑު ފަޅައިގެން ދާން ބޭނުންނޫނިއްޔާ ތި އަނގަ ބަންދުކުރޭ. އެހެންނޫނީ މާ ރީއްޗެއް ނުވާނެ... އާދޭ އަހަރެންނާއެކީ." ފައިނާނުގެ ހިކަނދިމަސްގަނޑުން ދޫކޮށްނުލައި ހުރެ ޒާހިލް ވާހަކަދެއްކި އެވެ. އަދި އޭނާއާއެކު ގެންދަން ފައިނާނުގެ އަތަށް ދަމައިގަތެވެ. މަސްލަހަތަށްޓަކައި ފިރިމީހާއާއެކު ދިއުންކަން އެންމެ ރަނގަޅުވާނީ ފައިނާނަށް ވެސް ޤަބޫލުކުރެވުނެވެ.
"ނާނު." ފައިނާނު ގޮވައިގެން ޒާހިލް ހިނގައިގަތް ވަގުތު މާޔާ ގޮވާލި އެވެ. އެވަގުތު ކުއްލިއަކަށް މާޔާގެ ކުރިމަތީ ހުއްޓިލީ އިޒީކިއަލް އެވެ. މާޔާގެ ހަތަރެސްފައި ފިނިވިގެން އައީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. މާޔާއަށް ބަލަން ހުރި ޔާމީން އޭނާގެ ނަމުން ގޮވާލި އެވެ. އެހިނދު އިޒީކިއަލް ވާހަކަދެއްކި އެވެ.
"ކޮންކަމަކަށް ތި މަޑުކުރަނީ... ހިނގާ." އަމުރުވެރި ރާގެއްގައި އިޒީކިއަލް ބުންޏެވެ. އެ އަޑަށް މާޔާ ސިހުނެވެ.
"ސޮރީ ޔާމީން. އައި ހޭވް ޓު ގޯ. އެހެން ދުވަހަކުން އަދި ޚަބަރެއް ވާނަން." މާޔާ އަވަސްއަވަހަށް ބުންޏެވެ. އަދި އިޒީކިއަލްގެ ކުރިޔަށް އެތަނުން ނުކުންނަން ހަލުވި ހިނގުމުގައި މާޔާ ހިނގައިގަތެވެ.
ފުޑްކޯނާއިން ނުކުމެވުނު ގޮތަކަށް މާޔާގެ އަތުގައި އިޒީކިއަލް ހިފައިފި އެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް މާޔާ ގޮވައިގެން އައިސް ހޮސްޕިޓަލަށް މަޑުކުރި ޓެކްސީއަކަށް އިޒީކިއަލް އެރި އެވެ. ދާންވީ އެޑްރެސްކަމުގައި އިޒީކިއަލް ބުނެލީ ހުޅުމާލޭގައި ހުންނަ މާޔާ ދިރިއުޅޭ އިމާރާތެވެ. ޓެކްސީ ތެރޭގައި ބޮޑުހަމަނުޖެހުމެއް އުފައްދާކަށް މާޔާއަކަށް ނުކެރުނެވެ. އެހެންވެ ރުޅިމޫނު ހަދައިގެން ތުންބައްދައިގެން އިޒީކިއަލްއަށް ބަލާ ވެސް ނުލާ އިނީ ޓެކްސީ އިން ފޭބެންދެނެވެ.
"ކިހާ ވަރުގަދަވެއްޖެކަމެއްމީ. އިޒީކިއަލް ތިވައްތަރަށް ތިއުޅެނީ ކިހިނެއްވެގެންތަ؟. ކޮންކަމެއް ހާސިލުކުރާނަމޭ ހިތާތަ ތިއުޅެނީ... އަހަރެންނަށް ކީއްތަ ކުރެވުނީ؟." ޓެކްސީއިން ފައިބައިގެން އައިސް އިމާރާތުގެ ތެރެއަށް ވަނުމުގެ ބަދަލުގައި މާޔާ ކުރިމަތިލީ އިޒީކިއަލްއާ އެވެ.
"ފިރިހެނުން ހައްލާލަން މޮޅޭ ދޯ. މިއަދު މަށަށް އެމަންޒަރު ފެނިއްޖެ... އެކަހަލަ ފިރިހެނުންތަ މިޔާއަށް ކަމުދަނީ. ނޫނީ ފިރިހެނަކު ނުވެގެންތަ ތިއުޅެނީ." އިޒީކިއަލް ބުންޏެވެ.
"ކީކޭ ކިޔާނަމޭ ތިއުޅެނީ. އަހަރެން އެބައުޅޭން ފިރިހެނުންގެ ސަމާލުކަން ނުހޯދިގެން." މިޔާގެ ރުޅިގަނޑު މަޑެއްނުވި އެވެ. އިޒީކިއަލް ވެސް އިތުރަށް ހިތްހަމަނުޖެހުނުކަން އެ މޫނުން ފާޅުވެލި އެވެ.
"އެ ފިރިހެނާ ބަލަން އިން ގޮތް ނުފެނޭތަ. އޭނާގެ ދެ ލޮލުން ނުކުރާކަމެއްނެތް. މިޔާ ދަޢުވަތެއް ނުދޭނަމަ އޭނާ އެހާވެފައެއް ނީންނާނެ." އިޒީކިއަލްގެ އަޑު ބާރުވެލި އެވެ. އޭނާ އެ ދައްކާ ވާހަކައެއް މާޔާއަށް ވިސްނުނީ ދެނެވެ. ޔާމީން އެފަދަ ގޮތަކަށް އޭނާއަށް ބަލާފާނެކަން އެނގެ އެވެ. ހުޅުވާފައި އޮތް ފޮތެއްހެން ޔާމީންގެ ހިތް އޮތީ ފެންނާށެވެ. އޭނާގެ އެ އިޙްސާސްތަކަކީ މިއަދު އަލަށް މާޔާ ފެނިގެން އުފެދިގެން އުޅޭ އިޙްސާސްތަކެއް ނޫންކަން ވެސް ޚުދު މާޔާއަށް އެނގެ އެވެ. އެކަމަކު އެކަން އިޒީކިއަލްއަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ. އޭނާ އެ ހުރީ މިޔާ ދައްކާ ވާހަކައެއް ޤަބޫލުކުރާނެ ކަހަލަ ގޮތަކަށްނޫނެވެ. އަނެއްކޮޅުން މާޔާ ހައިރާންވަނީ އިޒީކިއަލް އެހާ ރުޅިއެއް އައިސްގެން އުޅޭތީ އެވެ. ފިރިހެނަކު ކޮންމެ ކަހަލަގެ ނިޔަތެއްގައި އޭނާއަށް ބެލީ ނަމަވެސް އިޒީކިއަލްއަށް ކީއްހެއްޔެވެ. އޭނާ ވެސް މާޔާއާ މެދު ކަންތައް އެކުރަނީ ހިތުހުރި ގޮތަކަށް ވިއްޔާ އެވެ.
"އެއްޗެކޭ ނުބުނީ... ކުރެވުނު ކުށް ޤަބޫލުކުރީތަ" އިޒީކިއަލް ބުންޏެވެ.
"އަހަރެން ދޫކޮށްލާ. ތިހެން އަހަރެންގެ ފަހަތުން ނޫޅެބަލަ. އަހަރެންނަށް އެނގޭ އިޒީކިއަލް އަހަރެންދެކެ ދުވަހަކުވެސް ލޯތްބެއް ނުވާނެކަން. އަންހެނެއްގެ ފުށުން އިޒީކިއަލް ހިތް އެދޭ ފަދަ ގޮތެއް އަހަރެންގެ ނެތްކަން ވެސް... ސޯ ޕްލީޒް. އަހަރެންގެ ހާލައިގެން އަހަރެން އުޅޭން ދޫކޮށްލަބަލަ. ހެޔޮނުވާނެ." މާޔާ އާދޭހުގެ ރާގެއްގައި މަޑުމަޑުން ބުންޏެވެ.
"ދޫކޮށްލާށޭ... އެހެންތަ... ނުކުރާނަން ދުލެއް. އަޑު އިވިއްޖެ." އިޒީކިއަލް މިހެން ބުނުމާއެކު މާޔާގެ އަތުގައި ހިފައިގެން ގަދަކަމުން އައިސް އިމާރާތުގެ ތެރެއަށް ވަދެ ލިފްޓަށް އަރައިފި އެވެ.
* * * * *
ހަފްތާއެއްވީއިރު ވެސް ޒާހިލްގެ ޖެއްސުން ކުޑައެއް ނުވި އެވެ. ބަލިވެ އިންފަހުން ފައިނާނަށް ވެސް އަމިއްލަ ޖަޒުބާތުތައް ހިފަހައްޓަން އުނދަގުލެވެ. ޒާހިލްގެ ޢަމަލުތަކަށް އޭނާ އެންމެ މަތީ ދަރަޖައަށް ކެތްތެރިވެ އެވެ. ނަމަވެސް އެ ކެތްތެރިކަން ގެއްލި ފައިނާނަށް ރޮވުނީ ޒާހިލް އޭނާގެ ހެދުންތައް އިރާލުމުންނެވެ.
ދޮވެފައި ހުރި ހެދުންތައް ފަތްޖަހަން ފައިނާނު އިނީ ސިޓިންރޫމު ސޯފާގަ އެވެ. ހުކުރު ދުވަހަށްވެފައި ޒާހިލް ވެސް ބޭރަށް ދާކަށް ގަސްދެއް ނުކުރި އެވެ. ޒުވާބު ހޫނުވީ ޒާހިލް ކިޔާހާ އެއްޗަކަށް ފައިނާނު ރައްދު ނުދީގެންނެވެ. އެއާއެކު ޒާހިލްގެ ދޮވެފައި ހުރި ގަމީސްތައް ފަތްޖަހަން ފައިނާނު އަތްލުމުން އެކަން ބޮޑު މައްސަލައަކަށް ހަދާލީ ޒާހިލް އެވެ.
އެޕާޓްމެންޓަށް ވަން ތޫމާއަށް ފައިނާނު ގިސްލާ ރޯތަން ފެނުނު ހިނދު އޭނާގެ އަތުން ޖޫސްތަށި ލާފައިވާ ތަބަށް ދޫނުވީ ކިރިޔާ އެވެ. އޭރު ނޫމާން ހުރީ ތޫމާގެ ކައިރީގަ އެވެ. ފައިނާނު ވަރުބަލިކޮށް އުޅޭކަން އެނގޭތީ ތޫމާ އައީ ޖޫސްތަށްޓަކާއި ސްޓޯބެރީކޮޅެއް ހިފައިގެންނެވެ. މިފަހަކުން ފައިނާނު ސްޓޯބެރީކާން ވަރުހުންނަކަން ފާހަގަވެފައި އޮތީމަ އެވެ.
"ކީއްކުރީ؟." ނޫމާން ކުރީބައިގައި ވަންގޮތަށް އަހާލައިފި އެވެ. އޭނާއަށް ވެސް ތަޅުންމަތީން އިރާލާފައި އޮތް ދެތިން ހެދުން ފެނިއްޖެ އެވެ.
"އެ ދަރިއަށް އަނިޔާ ވެސް ކުރަންފެށީތަ." ދެބުމަ ގޮށްޖަހައިލައިގެން ހުރެ ނޫމާން ބަލާލީ ޒާހިލް އަށެވެ.
"އަހާބަލަ އަނިޔާކުރިންތޯ." ޒާހިލް ބުނެލި އެވެ. އެއާއެކު އޭނާގެ ގަޔަށް އެރީ ނޫމާންގެ އަސާގެ ހަމަލާއެކެވެ. ތަދުވެގެން މީހާ ތެޅިގަތެވެ. ނޫމާންއަށް ހިނގުމުގައި ދަތިކަމެއް ހުއްޓަސް އޭނާގެ ހަރަކާތް އަވަހެވެ. ޒާހިލް ރެކިލަން ވާއިރަށް އަސާއިން ދެތިން ބޮނޑިއަޅައިފި އެވެ.
ރޮއެރޮއެ އިން ފައިނާނު ތެދުވި އެވެ. ނޫމާން ހުއްޓުވަން އޭނާ ބޭނުންވީ އެވެ. ފައިނާނު އައިސް ނޫމާނާއި ޒާހިލްއާ ދެމެދަށް ވަދެ ޒާހިލްގެ ގައިގާ ހިފަހައްޓާލި އެވެ.
"ކާފާ ޕްލީޒް. ޒާހިލް އަނިޔާއެއްނުކުރޭ. އަޅުގަނޑު ލާ ހެދުން ޒާހިލްއަށް ކަމުނުދިޔައީ. ބާ ވެސް ވެފައި ހުރީމަ... ޕްލީޒް ކާފާ. ޒާހިލް ގައިގަ ނުޖަހާ. މަންމާ ބުނެބަލަ ކާފަ ގާތު. ޒާހިލް އަޅުގަނޑަށް އަނިޔާއެއް ނުކުރޭ." ފައިނާނު ވާހަކަދެއްކި އެވެ. ޒާހިލްއަށް އަނބިމީހާއަށް ބަލާލެވުނީ ހައިރާންކަމާއެކީ އެވެ. ފައިނާނު އޭނާ ދިފާއު ކުރާނޭ ކުޑަކޮށް ވެސް ހިތަކަށް ނާރަ އެވެ.
"ބައްޕާ. ފައިނާނު އެބުނީނު ޒާހިލް އަނިޔާއެއް ނުކުރެއޭ." ތޫމާ ވެސް ކޮފީމޭޒު މަތީ ތަބަށް ބަހައްޓާފައި އަވަސްއަވަހަށް އައިސް ނޫމާންގެ އަތުގައި ހިފަހައްޓާލައިފި އެވެ.
"ކޮންކަހަލަގެ ފިރިހެން ދަރިއެއްތަ މީ. ތިމާގެ ދަރިއެއްކަން އެނގޭއިރު އަނބިމީހާއަށް ލޯތްބާއި އަޅާލުން އެންމެ ބޭނުންވާނެ ދުވަސްތަކަކީ މީކަން ނޭނގޭހާ ޖާހިލީތަ. ދެފައި ކަށިމަތި ބިންދާލީމަ ނޫނީ ނަމާދެއް ނުކުރާނަމޭ ހިތާތަ ތިހުންނަނީ. ބަލަ ތިއުޅުން ދޫކޮށްލައި ތައުބާވާކަށް އަދިވެސް ނުވޭތަ؟. ކުރެވުނު ކަންތަކާމެދު ދެރަވާކަށް ނުވޭތަ؟. ދެން ވެސް ރީތިކޮށް އުޅެވޭތޯ މަސައްކަތް ކުރަންވީނު." ނޫމާނަށް ބުނެވުނެވެ.
"ބައްޕާ." ތޫމާ ގޮވާލި އެވެ.
"ހިނގާ މިތަނުން. އިތުރަށް މަޑުކުރަންޏާ އަހަރެންގެ ދޫ ވެސް ރައްކާތެރި ނުކުރެވޭނެ މި ކުއްޖާއާ ހެދި." ނޫމާން މިހެން ބުނެ އެޕާޓްމެންޓް އިން ނުކުންނަން ހިނގައިގަތެވެ. އޭނާ ފަހަތުން ތޫމާ ނުކުންނަން ދިއުމުގެ ކުރީން ފައިނާނަށް ކޮފީމޭޒު މަތީ ބެހެއްޓި ތަބަށް ދައްކާލި އެވެ.
މަންމައާއި ކާފަ ދިއުމުން ޒާހިލް ހަރުކޮށް ހިނގާފައި ގޮސް ވަނީ އޭނާ ނިދާ ކޮޓަރިއަށެވެ. ކުރީން އައިސްފައި ހުރި ރުޅި ދިޔައީ ކޮންތާކަށް ކަމެއް އޭނާއަކަށް ނޭނގެ އެވެ. ޒާހިލްއަށް ވިސްނަން އިނދެވުނީ އެވެ. އެހެން އިންއިރު އޭނާގެ އަތާ ދިމާއިންނާއި ބުރަކަށިން ކާފަގެ އަސާގައި ހުރިވަރު އިޙްސާސް ވޭވޭ ހުއްޓެވެ. މި ހުރިހާ ކަމެއް މިވީ ފައިނާނާ ހެދިގެންނޭ ބުނާން ބޭނުންވީ ނަމަވެސް ޒާހިލްގެ ޟަމީރު އެކަމާ އެއްބަހެއް ނުވި އެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި ދިގު ސޯފާގައި އިށީނދެލައިގެން އިން ޒާހިލްއަށް އިސްއުފުލާލަން މަޖުބޫރުވީ ކޮޓަރީގެ ދޮރު ހުޅުވުނުކަން އެނގިގެންނެވެ. އޭނާއަށް ދޮރުން ވަން ފައިނާނާއި އޭނާގެ އަތުގައި އޮތް ފަސްޓްއެއިޑް ފޮށި ފެނުނެވެ.
(ނުނިމޭ)