ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްއާއި އެ ޓާމިނަލާއި ގުޅިފައިވާ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެޗއެވެ.
ޕީއެންސީގެ މާލޭގެ މައި ޖަގަހަ -- ޕީއެންސީ ހައުސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެއާޕޯޓުގެ މަސައްކަތް އަވަސް ކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތަށް މިހާރު މަސައްކަތްތައް ކުރަމުންދާއިރު އައު ޓާމިނަލްގެ ބައެއް އެއިރޯ ބްރިޖުތައް މިއަހަރު ނިމޭއިރު ބޭނުން ކުރަން ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެމްއޭސީއެލްއާ ހަވާލާދީ ރައީސް ވިދާޅުވީ ވީއައިއޭގައި ހަދަން ނިންމާފައިވާ އަށް އެއިރޯ ބްރިޖުގެ ތެރެއިން މިއަހަރު މަދުވެގެން ތިން އެއިރޯ ބްރިޖުގެ މަސައްކަތް ނިންމާ ބޭނުންކުރެވޭ ވަރު ވާނެ ކަމަށެވެ.
އެއިރޯ ބްރިޖުތަކުގެ މަސައްކަތް ނިމުމުން ޕަސެންޖަރުންނަށް ޓާމިނަލުން ސީދާ މަތިންދާ ބޯޓަށް އެރޭނެ އެވެ. މީގެ ސަބަބުން ޕަސެންޖަރުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.
މި އަހަރު ނިމުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިންމުމަށް ސަރުކާރުން ކުރިން މަސައްކަތް ކުރި ނަމަވެސް މިހާރު މަސައްކަތްދާ ސްޕީޑްގައި މިއަހަރުގެ ތެރޭގައި ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާނުލެވޭނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިން ޓާގެޓު ކުރިން މި އަހަރު ނިމެންވާއިރަށް މަސައްކަތް ނިންމޭތޯ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ ޖުލައި މަހާ ހިސާބަަށް އާ ޓާމިނަލްއާއި ގުޅޭ ހުރިހާ މަސައްކަތްތައް ނިންމާނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ. ވީއައިއޭގެ އާ ޓާމިނަލަކީ ރާއްޖެއަށް އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުވުންތަކެއް ގެނުވާނެ ދޮރާއްޓެއް ކަމަށާއި ވީއައިއޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ވެސް މިހާރު ބާރު ދުވެލީގައި ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.